އަމާޒަކީ ސަރުކާރާއި ރައްޔިތުން ގުޅުވައިދޭ ހަރުދަނާ ފާލަމަށްވެ، ކުޅުދުއްފުށީގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތައް އާ ހަރުފަތަކަށް ގެންދިޔުންކަމުގައި ޕިއެންސީ ޓިކެޓްގައި ވާދަކޮށް ސިޓީ ކައުންސިލަށް އިންތިހާބުވި އިބުރާހިމް އަހުމަދު (އެއްބެ) ވިދާޅުވެއްޖެ އެވެ.
އެއްބެއަކީ މިވަގުތުވެސް ސިޓީ ކައުންސިލް މެންބަރެކެވެ. އޭނާއަކީ އެ ކައުންސިލްގައި އިންނަވާ ހަމައެކަނި ޕީއެންސީގެ މެންބަރުވެސްމެ އެވެ.
ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ އަމާޒަކީ ސަރުކާރާއި ރައްޔިތުން ގުޅުވައިދޭ ހަރުދަނާ ފާލަމަކަށް ވެ، ކުޅުދުއްފުށީގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އާ ހަރުފަތަކަށް ގެންދިއުން ކަމަށާއި ކައުންސިލްގެ ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި، ރައްޔިތުންނަށް އެންމެ ފައިދާހުރި މަގުން ބޭނުންކުރެވެމުންދޭތޯ ބަލާ އެކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށްޓަކައި މަސައްކަތްކުރާނޭ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެކަމަށް އޭނާ ވަނީ ވިދާލޅުވެފަ އެވެ.
"ހާއްސަގޮތެއްގައި، އަޅުގަނޑުމެންގެ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ތަދިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ސަރުކާރާ ގުޅިގެން މެދުކެނޑުމެއްނެތި އަޅުގަނޑު މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އަރުވަމެވެ. އަދި އަޅުގަނޑުމެންގެ ޕާޓީގެ ސިޔާސަތުތަކާ އެއްގޮތަށް، އަބަދުވެސް ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ހިދުމަތްތެރިއެއްގެ ގޮތުގައި އަޅުގަނޑު ދެމިހުންނާނަމެވެ." އެއްބެ ވިދާޅުވި އެވެ.
މިހާރުވެސް ކުޅުދުއްފުށީ ކައުންސިލްގައި އިންނަ ހަމައެކަނި ޕީއެންސީ މެމްބަރު ކަމުގައިވާ އެއްބެ ދެވަނަ ދައުރެއް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ނަސްރުﷲ އިސްމާއިލާއި ވާދަކޮށް 41 ވޯޓްގެ ތަފާތަކުންނެވެ.




