twitterviber whatsapp telegramfacebookyoutube instagram
7th February 2026

2400 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފަށަން އަނެއްކާވެސް އާ ތާރީހެއް

އަބްދުލް ވާހިދު ޙަސަން
Feb 7, 2026

ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް އޮތް މައްސަލަ ހައްލުކުރުމުގެ ގޮތުން އިމާރާތްކުރަން ނިންމި 2400 ހައުސިންގ ޔުނިޓްގެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާނެ އާ ތާރީހެއް ސަރުކާރުން ދީފި އެވެ.

މި 2400 ހައުސިންގ ޔުނިޓަކީ ކުރީގެ ސަރުކާރުން އަޅަން ފަށާ މިހާރު ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓާއި ރައީސް ޑރ މުއިއްޒުގެ ރިޔާސީ ވައުދުގެ ހިމެނޭ 2000 ހައުސިންގ ޔުނިޓެކެވެ. ކުރީގެ ސަރުކާރުން ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި އެ މަސައްކަތް ހުއްޓުނީ ސަރުކާރު ބަދަލުވުމާއެކު އެވެ.

މި 2400 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް މިދިޔަ 2025 ވަނަ އަހަރުތެރޭގައި ފަށާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލަރު އިބުރާހިމް އަހުމަދު (އެއްބެ) ވިދާޅުވީ، އެ އަހަރުގެ ފެބްރުއަރީމަހުގެ ފަހު ކޮޅު އެވެ. އެހެންނަމަވެސް އެ އަހަރު ނިމިގެންދިޔައީ އެ މަސައްކަތުގެ އަމަލީ މަސައްކަތް ނުފެށި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ކުޅުދުއްފުށިން ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕެއިން ފަށަން ހުކުރުދުވަހުގެ ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރު ޑރ އަބުދުﷲ މުއްތަލިބު ވިދާޅުވީ، 400 ހައުސިން ޔުނިޓްގެ މަސައްކަތް ހުއްޓިފައިވާ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އޭރުގެ އެމްޑީޕީގެ މެންބަރެއްގެ ކުންފުންޏެއްކަމަށްވާ ދޮންބޭޒް އާ ހަވާލުކުރި އެ މަޝްރޫއަށް އެޑްވާންސް ފައިސާގެ ގޮތުގައި 65 މިލިއަން ރުފިޔާ ދެވިފައިވާ ކަމަށާއި އަދި އޭގެ އިތުރުން މަޝްރޫއު ހިނގަމުންދަނިކޮށް 21 މިލިއަން ރުފިޔާ ދީފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންނަމަވެސް 18 މަސްވެގެން ވެރިކަން ބަދަލުވެގެންދިޔައިރު މަޝްރޫއުގެ ނިމިފައިވަނީ 18 އިންސަތަ މަސައްކަތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އެ މަޝްރޫއަށް 86 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކުރެވި އޮތުމާއެކު މިސަރުކާރުން މަސައްކަތްކުރީ އެ ކުންފުންޏާ ވާހަކަދައްކައިގެން އަލުން މަސައްކަތް ފެށޭތޯ ކަމަށާއި އެހެންނަމަވެސް ކުރެވުނު ގިނަގުނަ މަސައްކަތްތަކާއެކު ކުންފުނިން އެއްވެސް ވަރަކަށް މަސައްކަތް ފަށައިގެން ކުރިއަށްގެންދާކަށް ބޭނުން ނުވުމުން ކޮންޓެކްޓް ބާތިލުކޮށް މިދިޔަ 2025 ވަނަ އަހަރުގެ އޯގަސްޓްމަހު އެ މަސައްކަތްކުރަން އެޗްޑީސީއާ ހަވާލުކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

2025 ވަނަ އަހަރު ފެބްރުއަރީމަހު ކައުންސިލްގައި ބޭއްވި ބައްދަލުވުމެއް ސަރުކާރާ ހަވާލާދީ ކައުންސިލަރު އިބުރާހިމް ވިދާޅުވީ، 2400 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް އެ އަހަރު ފަށާނެކަމަށް.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މަސައްކަތް ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް މި މަސްތެރޭ ނުވަތަ އެންމެ ލަސްވެގެން އަންނަ މާރޗުމަހުގެ އެޗްޑީސީގެ ފަރާތުން އެ މަސައްކަތްކުރާނެ ބަޔަކު ހޯދައި މަސައްކަތް ފެށުމުގެ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމަށެވެ.

އަދި ރައީސްގެ ވައުދުގައި ހިމެނޭ 2000 ހައުސިންގ ޔުނިޓްގެ މަސައްކަތްވެސް އެޗްޑީސީއާ ހަވާލުކޮށްފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް އެޗްޑީސީގެ ފަރާތުން ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 2000 ހައުސިންގ ޔުނިޓް މަޝްރޫއު އެޗްޑީސީއާ ހަވާލުކުރީ 2025 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ފަހުކޮޅު ރައީސް ޑރ މުހައްމަދު މުއިއްޒު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެޗްޑީސީއާ ހަވާލުކުރިތާ 5 މަސްފަހުން އެކަމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަން މިނިސްޓަރު މިވަނީ ވިދާޅުވެފަ އެވެ.

"ރައީސްގެ ވައުދުގައި ހިމެނޭ 2000 ހައުސިންގ ޔުނިޓްގެ މަސައްކަތް ވެސް ވަނީ އެޗްޑީސީއާ ހަވާލުކުރެވިފައެކަމަށް ބޭނުންވާ ކޮންޓްރެކްޓަރުން ހޯދުމުގެ އެޗްޑީސީގެ ފަރާތުން މިހާރު ކުރިއަށް އެބަ ގެންދޭ. އަޅުގަނޑުމެން ވަރަށް ބޮޑަށް ޔަގީންކަން އެބަ އޮތް މިއަހަރުގެ ތެރޭގައި އޭގެ މަސައްކަތްވެސް ފަށައި އަދި މި ޔުނިޓްތައް ދޭން ޖެހޭ ފަރާތްތައް ހޯދުމަށްޓަކާ އިއުލާނުކުރުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ކުރިއަށްގެންދެވޭނެކަމަށް." ޑރ މުއްތަލިބު ވިދާޅުވި އެވެ.

މި 2400 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތާ ގުޅޭ ގޮތުން 2025 ވަނަ އަހަރުގެ ފެބްރުއަރީމަހު ސިޓީ ކައުންސިލްގައި އޮތް އާންމު ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކައުންސިލްގައި އިންނަވާ ހަމައެކަނި ޕީއެންސީގެ ކައުންސިލަރު އިބުރާހިމް، ސަރުކާރާ ހަވާލާދީ ވިދާޅުވީ، 2400 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް 2025 ވަނަ އަހަރުތެރޭގައި ފަށާނެ ކަމަށާއި އެ މަސައްކަތް ސަރުކާރުން ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355