twitterviber whatsapp telegramfacebookyoutube instagram
14th April 2026

ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން: ރައީސް އޮފީސް

Apr 14, 2026

މި ސަރުކާރުގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ދެއްވާފައިވާއިރު އެކަން އެގޮތަށް އެ ކުރެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން, ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ވަޒީރުންގެ މަޖިލީހުގެ 10 މެމްބަރަކު އެއްފަހަރާ އިސްތިޢުފާ ހުށަހަޅުއްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އެ ބޭފުޅުންގެ އިސްތިޢުފާ ޤަބޫލުފުޅުކުރައްވާފައެވެ.

ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި މި ބޭފުޅުން މަޤާމުން ދުރަށް ވަޑައިގަތުމަށް ނިންމެވީ، ސީދާ ރައްޔިތުންގެ އުންމީދުތަކާއި ވިންދާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުގެ މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި ގެންނަވަންޖެހޭ މުހިންމު ބަދަލުތައް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފަހިކޮށްދެއްވުމުގެ މަތިވެރި މަޤްޞަދުގައެވެ. މިއަދު އިސްތިޢުފާދެއްވި 10 ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ޤައުމަށާއި ސަރުކާރަށް އަދި ދިވެހި ރައްޔިތުންނަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ހުރިހާ ބޭފުޅުންނަށް ވަރަށް ހާއްސަ ގޮތެއްގައި ޝުކުރު އަދާކުރައްވާފައެވެ.

އިސްތިޢުފާ ދެއްވި 10 ވަޒީރުންނަކީ:

1. މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޣައްސާން މައުމޫން

2. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ޢަބްދުﷲ ޚަލީލް

3. މިނިސްޓަރ އޮފް ހެލްތްގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ނާޡިމް އިބްރާހީމް

4. މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމުގައި ހުންނެވި ޠާރިޤު އިބްރާހީމް

5. މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ޢާއިޝަތު ޝިހާމް

6. މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުގައި ހުންނެވި އާދަމް ނަޞީރު އިބްރާހީމް

7. މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުގައި ހުންނެވި ޑޮކްޓަރ މަރްޔަމް މާރިޔާ

8. މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަޤާމުގައި ހުންނެވި އިބްރާހީމް ވަޙީދު

9. މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މަޤާމުގައި ހުންނެވި އާދަމް ޝަރީފު ޢުމަރު

10. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު

މި ބޭފުޅުން މަޤާމުން އިސްތިޢުފާ ދެއްވުމަކީ، ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ދިވެހި ރައްޔިތުން އެދޭފަދަ ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ނިންމުމަށް އިސްކަންދެއްވާނެކަމަށް ސަރުކާރުން އަބަދުވެސް ވަކާލާތުކުރަމުން އަންނައިރު، ކެބިނެޓަށް މިއައި ބޮޑު ބަދަލަކީ ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ބެލެވެއެވެ.

މި 10 ވަޒީރުންގެ އިސްތިއުފާއާއެކު، ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަން ވަނީ ޔަޤީންވެފައެވެ. އަދި ހުސްވި މަޤާމުތަކަށް އާ ބޭފުޅުން ޢައްޔަންކުރުމުގެ މަސައްކަތް ނުވަތަ ވުޒާރާތަކަށް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ގަސްތުކުރައްވާ ބަދަލުތަކުގެ ތަފްޞީލުތައް ކުރިއަށް އޮތް ތަނުގައި ހާމަވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355