ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގެ ފުރަތަމަ މެޗުތައް ރޭގައި ކުޅެވުނު ބާސެލޯނާއާ އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު އެގްރިގޭޓު ހަނި ތަފާތަކުން އެތްލެޓިކޯ މެޑްރިޑް ކާމިޔާބުކޮށްފި އެވެ.
ރޭގެ މެޗުގައި އަމިއްލަ ދަނޑުގައި 2 - 1 ން ބާސާ އަތުން ބަލިވި ނަމަވެސް އެގްރިގޭޓް 3 - 2 ން ބާސާ ބަލިކޮށް އެތްލެޓިކޯ މެޑްރިޑުން ވަނީ ސެމީގެ ޖާގަ ހޯދާފަ އެވެ.
ފުރަތަމަ ލެގުގައި 2 - 0 ން ބާސާ ބަލިވެފައި އޮތް ނަމަވެސް ރޭގެ މެޗު ފެށިގެން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ބާސާގެ ތަރި ލަމީން ޔަމާލް ވަނީ ގޯލެއް ޖަހާ އެގްރިގޭޓް ފަރަގު ކުޑަކޮށްފަ އެވެ. ކީޕަރު ޖުއާން މުސޯގެ އަތްދަށުން ޔަމާލް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލިއިރު މިއީ އެތްލެޓިކޯގެ ޑިފެންޑަރު ކްލެމެންޓް ލެންގްލެޓަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޔަމާލް ކާމިޔާބުކޮށްދިން ލަނޑެކެވެ.
އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ 24 ވަނަ މިނެޓުގައި ފެރާން ޓޮރޭޒް އެވެ. މިއާއެކު އެގްރިގޭޓް 2 - 2 ން އެއްވަރުވެ އެތްލެޓިކޯ މެޑްރިޑް ޕްރެޝަރަށް ވެއްޓި ސެމީގެ ޖާގަ ގެއްލުމުގެ ބިރު ބޮޑުވި އެވެ.
އެގްރިގޭޓުން ލީޑު ނެގުމަށް ބާސާއިން ތިންވަނަ ގޯލެއް ޖެހުމަށް މަސައްކަތްކޮށް ކުރިއަށް ޖެހިގެން ތިބި ވަގުތު އުފެއްދި ފުރުސަތެއްގައި އެތްލެޓިކޯގެ މާކަސް ލޮރެންޓޭ ކަނާތް ފަރާތުން އަރާ އެޓީމުގެ އަޑެމޯލާ ލޫކްމަންއަށް ދިން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އެތްލެޓިކޯއިން އަނެއްކާވެސް ލީޑު ނެގި އެވެ.
ފުރަތަމަ ހާފު ނިމުނީ 2 - 1 ން ބާސާ ކުރީގައި އޮވެގެންނެވެ. އެހެންނަމަވެސް ދެވަނަ ހާފު ފެށިގެން ދިހަވަނަ މިނެޓުގައި ފެރާން ޓޮރޭޒް ބާސާއަށް 3 ވަނަ ލަނޑެއް ޖަހައިދިނެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެލަނޑު އޮފްސައިޑެއް ކަމަށް ނިންމާފަ އެވެ.
ފުރަތަމަ ލެގުގައި ބާސެލޯނާއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެޓީމުގެ ޑިފެންޑަރު ޕައު ކުބާސީ ކުރި ފައުލަކަށް ސީދާ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން ދިހަ ކުޅުންތެރިންނާއެކު ކުޅެން ޖެހުމުންނެވެ. ދެވަނަ ލެގުގައި ވެސް އެތްލެޓިކޯގެ އެލެކްސާންޑްރާ ސޯލޮތްއަށް ކުރި ފައުލަކާ ގުޅިގެން ބާސާގެ އެރިކް ގާސިއާއަށް ވަނީ ސީދާ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ބާސާއިން މެޗުގެ ފަހުކޮޅު ގިނަ ބަދަލުތަކެއް ގެނެސް ކުޅުންވަނީ ބަދަލުކޮށްފަ އެވެ. ރޮބާޓް ލެވަންޑޮސްކީއާއި ރޮނާލްޑް އަރައުޖޯ ކުޅެން އެރުވިއިރު މެޗުގެ ނަތީޖާ އަނބުރާލާ ޗެމްޕިއަންސް ލީގުގެ ތާރީހުގެ ތެރެއަށް ވަންނާނެ ކަހަލަ ކަމްބެކެއް ހެދުމަށް ރަން ފުރުސަތެއް މިދެ ކުޅުންތެރިންނަށް ވެސް ލިބިގެންދިޔަ އެވެ.
އެގޮތުން އެންމެ ކުރިއަށް އަރުވައިގެން ލަނޑެއް ޖެހުމަށް އެތްލެޓިކޯގެ ޑިފެންސަށް ޕްރެޝަރުކޮށް ބާސާއިން ކުޅެމުންދަނިކޮށް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލަން ލެވަންޑޮސްކީއަށް ލިބުނު ފުރުސަތު ކީޕަރު ދިފާއުކުރިއިރު އަރައުޖޯ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ 8.06 ގެ ރޭޓިންއަކާއެކު އެތްލެޓިކޯގެ އަޑެމޯލާ ލުކްމަން އެވެ.
2016 ގެ ފަހުން މިމުބާރާތުގެ ފައިނަލުން އެތްލެޓިކޯއަށް ޖާގައެއް ލިބިފައި ނުވާއިރު އެޓީމުން ފައިނަލުގެ ޖާގައެއް ހޯދުމަށް ކުރާ މަސައްކަތުގައި ސެމީ ފައިނަލުގައި އެޓީމުން ވާދަކުރާނީ މިރޭ އާސެނަލާއި ސްޕޯޓިން ސީޕީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
އެތްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނީ މިހާރު 14 އަހަރުވެއްޖެ ކަމަށާއި އަދިވެސް ޓީމުން ވާދަކުރާތަން ފެނުމުން އުފާވާ ކަމަށެވެ. އަދި ކުޅުންތެރިން ވެސް ބަދަލުވެއްޖެ ކަމަށާއި އެތައް ފަހަރަކު އަލުން ފެށިއްޖެކަމަށާއި އަނެއްކާވެސް މިއޮތީ ޔޫރަޕުގެ ގަދަ ހަތަރެއްގައި ހިމެނިފައި ކަމަށެވެ.
"ޗެމްޕިއަންސް ލީގެއްގެ ސެމީ ފައިނަލުގައި ކުޅުމަކީ ވަރަށް އުފާވާ ކަމެއް، އަހަރެމެން މިއޮތީ ކުރިއަށް އޮތް މެޗާ ކުރިމަތިލާން ތައްޔާރަށް، މަސައްކަތްކުރަމުން އަންނަ އަމާޒަށް ވާސިލްވާން ތައްޔާރަށް އަދި އަހަރެމެންނަށް އެނގޭ އަހަރެމެންގެ ހުރި ރަނގަޅު ކަންކަމާއި ގޯސް ކަންކަން، އަހަރެމެން އެމެޗަށް ނުކުންނާނީ އެތައް އަހަރެއް ވަންދެން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަންތައް ހާސިލްކުރުމަށް" އެތްލެޓިކޯގެ ކޯޗު ސިމިއޯނީ ބުނެފައިވެ އެވެ.




