twitterviber whatsapp telegramfacebookyoutube instagram
16th April 2026

ޗެމްޕިއަންސް ލީގު: 7 ގޯލު، އަވަސް ލަނޑެއް، ދެ ރަތްކާޑު، ރެއާލް ކަޓުވާލާ ބަޔާން ސެމީއަށް

މުޙައްމަދު އަހުމަދު
Apr 16, 2026

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފަހު ލެގުތައް ރޭގައި ކުޅެވުނުއިރު ބަޔާން މިއުނިކް އަތުން ބަލިވެ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފި އެވެ. ރެއާލަކީ 15 ފަހަރު މިތަށި ހިއްލާލާފައިވާ މިމުބާރާތުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ޓީމެވެ.

ބަޔާންގެ އެލިއަންޒް އެރީނާގައި ރޭ ކުޅެވުނު މެޗު ބަޔާނުން 4 - 3 ގެ ހަނި ތަފާތަކުން ކާމިޔާބުކުރިއިރު އެގްރިގޭޓް ނަތީޖާ 6 - 4 ން ވެސް ކާމިޔާބުކުރީ ބަޔާން މިއުނިކުންނެވެ. ރެއާލުގެ އަމިއްލަ ދަނޑުގައި ފުރަތަމަ ކުޅެވުނު ލެގު ވެސް 2 - 1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ބަޔާނުންނެވެ. މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކުޅެވުނު އެންމެ ފޯރިގަދަ މެޗުކަމަށް ގިނަ ބަޔަކު ބުނަމުންދާ ރޭގެ މެޗުން ތަފާތު އެތައް ކަމެއް ފެނިގެންދިޔަ އެވެ.

އެގޮތުން މެޗުގައި މިއަހަރުގެ މުބާރާތުގައި ފެނުނު އެންމެ އަވަސް ލަނޑުގެ އިތުރުން ޖުމްލަ 7 ގޯލު ފެނިގެންދިޔައިރު ދެ ރަތް ކާޑުވެސް ފެނިގެންގޮސްފައިވެ އެވެ. މެޗު ފެށިގެން 1 ވަނަ މިނެޓުގައި 25 ޔާޑު ދުރުން ރެއާލުގެ އާޑާ ގުލާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ރެއާލުން ވަރަށް ކުރީކޮޅު ލީޑު ނަގާ ސެމީގެ އުއްމީދު އާކުރި އެވެ.

މިގޯލަކީ ބަޔާނުގެ ކީޕަރު މެނުއަލް ނޯޔާއަށް ހެދުނު ގޯހެއްގެ ސަބަބުން ވަތް ލަނޑެކެވެ. އެހެންނަމަވެސް އޭގެ 6 މިނެޓުފަހުން ބަޔާނުގެ އަލެކްސެންޑާ ޕަވްލޮވިޗް ވަނީ ބަޔާނަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ކައިރި ކައިރީގައި ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފު އެކަނިވެސް ޖުމްލަ 5 ލަނޑު ފެނިގެންގޮސްފައިވެ އެވެ. އެގޮތުން ޕަވްލޮވިޗް ލަނޑު ޖަހާފައިވަނިކޮށް އަނެއްކާވެސް 29 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން އާޑާ ގުލާ ރެއާލަށް އަލުން ލީޑު ނަގައިދިނެވެ.

އެހެންނަމަވެސް ބަޔާނުގެ ތަޖުރިބާކާރު ސްޓްރައިކަރު ހެރީ ކޭން ވަނީ 38 ވަނަ މިނެޓުގައި މެޗުގައި ދެވަނަ ފަހަރަށް ބަޔާނަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިގޯލު ކޭން ކާމިޔާބުކުރިތާ މާގިނައިރުތަކެއް ނުވަނީސް ރެއާލްގެ ތަރި ކީލިއަން އެމްބާޕޭ ވަނީ މެޗުގައި ރެއާލުގެ 4 ވަނަ ލަނޑު ކާމިޔާބުކޮށްދީ އެގްރިގޭޓް ނަތީޖާ ރެއާލަށް އެއްވަރުކޮށްދީފަ އެވެ.

ފުރަތަމަ ހާފު ނިމުނުއިރު އެގްރިގޭޓް ނަތީޖާ 4 - 4 ން އެއްވަރުވެފައި އޮތްއިރު މެޗުގެ ނަތީޖާއިން 3 - 2 ން ކުރީގައި އޮތީ ރެއާލް މެޑްރިޑެވެ. ދެވަނަ ހާފަށް ނުކުމެ ދެޓީމުން ވެސް މޮޅު ކުޅުމެއް ދެއްކި އެވެ. އަދި ގިނަ ބަޔަކަށް ބެލެވިފައި އޮތީ މެޗު އިތުރު ވަގުތަށް ދާނެ ކަމަށެވެ.

ފޯރިގަދަ ރީތި ފުޓްބޯޅައެއް ދެޓީމުން ކުޅެމުންދަނިކޮށް މެޗުގެ އޮއިވަރު އެއްކޮށް ބަދަލުވީ 86 ވަނަ މިނެޓުގައި ރެއާލްގެ މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ. ރެއާލުން 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުމުން އޭގެ ފައިދާ ބަޔާނުން ވަނީ ވަރަށް ރަނގަޅަށް ހިފާފަ އެވެ.

އެގޮތުން މެޗުގެ ފަހު ދެމިނެޓުގައި ބަޔާނުން ވަނީ ދެލަނޑު ޖަހާ މެޗުގެ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފަ އެވެ. 6 - 4 ން ބަޔާން އެގްރިގޭޓުން ކުރިހޯދި އެވެ. ބަޔާނުގެ ފަހު ދެލަނޑު އެޓީމަށް ޖަހައިދިނީ ލުއިސް ޑިއާޒްގެ އިތުރުން މައިކަލް އޮލީސޭ އެވެ.

މެޗު ނިމުނުފަހުން ރެއާލްގެ ގުލާއަށް ވެސް ރަތް ކާޑު ދައްކާފައިވެ އެވެ. މިކާޑު ދެއްކީ މެޗަށް ފަހު ރެފްރީގެ ނިންމުމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ތެރޭގައި އެވެ. މެޗަށްފަހު ރެއާލުގެ ކޯޗު އަލްވާރޯ އާބެލޮއާ ބުނީ މިކަމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފި ކަމަށެވެ. އެހެންނަމަވެސް ބަޔާނުގެ ކުޅުމަށް އެމީހުންނަށް މަރުހަބާ ކިޔާ ކަމަށާއި އެހެނެއްކަމަކު މިއީ ބަލިވާނަމަ ބަލިވާން ރެއާލުން އުއްމީދުކުރި ގޮތެއް ނޫންކަމަށް ކޯޗު ބުންޏެވެ.

އަދި ރަތް ކާޑާ މެދު ވާހަކަދައްކަމުން އާބެލޮއާ ބުނީ އެއީ ކިހިނެއްވެގެން ދެއްކި ކާޑެއް ކަން އެއްވެސް މީހަކަށް ނޭނގުނު ކަމަށާއި ރުޅިގަދަވީ އެކަމާހެދި ކަމަށެވެ. އަދި ކުރި ހުރިހާ މަސައްކަތެއް ފެނަށް ދިޔައީ ވެސް ރެފްރީގެ އެނިންމުމާ ހެދިކަމަށް ކޯޗު އިތުރަށް ބުނެފައިވެ އެވެ. ރޭގެ ކުޅެވުނު ކުއާޓާ ފަހު މެޗު އާސެނަލާއި ސްޕޯޓިން ސީޕީ ބައްދަލުކުރިއިރު އެމެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެހެންނަމަވެސް ފުރަތަމަ ލެގުގައި އާސެނަލުން ކާމިޔާބުކުރި ހަމަ އެކަނި ގޯލާއެކު އެގްރިގޭޓް 1 - 0 ން އެޓީމު ވަނީ ސެމީގެ ޖާގައެއް ހޯދާފަ އެވެ.

ސެމީ ފައިނަލަށް ބަލާލާއިރު ބަޔާނުން ނުކުންނަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާއި ދެކޮޅަށެވެ. އަދި އާސެނަލް ވާދަކުރާނީ ބާސެލޯނާ ކަޓުވާލުމަށްފަހު ސެމީ ފައިނަލަށް ދަތުރުކުރި އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355