ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަންކަމުގެ މަގާމަށް މުހައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަންކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މ. ކޮތަންމާގެ، މުހައްމަދު ހުސައިން ޝަރީފް އެ މަގާމަށް އައްޔަން ކުރެއްވީ މިނިސްޓަރުންގެ ފެންވަރުގަ އެވެ. މުންދު އެ މަގާމަށް އައްޔަން ކުރެއްވީ މިރޭ އެވެ.
މީގެ ކުރިން މުންދު ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ބޭރުގެ އެކިއެކި ގައުމުތަކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުތައް އެކި ދުވަސްވަރު ފުރުއްވާފަ އެވެ. އެ ގޮތުން އެންމެ ފަހުން އަދާކުރެއްވީ މި ސަރުކާރުގައި ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމެވެ.
މުންދު މީގެ ކުރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަންމަންޓް ސްޕޯކްސްމަންކަން 2005 ން 2007 ށް އަދި ޕްރެޒިޑެންޝަލް ސްޕޯކްސްޕާސަންކަމުގެ މަގާމު 2007 ން 2008 ށް ފުރުއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.




