twitterviber whatsapp telegramfacebookyoutube instagram
18th April 2026

ޑެންގީ އިތުރުވާތީ ސަމާލުވާން އެދިއްޖެ

Apr 16, 2026

ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު މި ދުވަސްވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ޑެންގީ، ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކުރިއަށް އޮތް މަސްތަކުގައި ހާއްސަކޮށް އެޕްރީލް އިން ޖުލައިއަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން މިފަދަ ބަލިތައް މަދުކުރުމަށް ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ.

މިގޮތުން ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ފޯރުކޮށްދިނުމާއި ބަލިމީހުންގެ ހާލަތު ގާތުން ބަލާ ފޮލޯ އަޕްކުރުމާއި ރަށުގައި ބަލި އުޅޭ މިންވަރު ގާތުން މޮނިޓާ ކުރުމާއި އެޗްޕީއޭ އަށް ގަވާއިދުން ރިޕޯޓް ކުރުމަށް އެދިފައިވެ އެވެ.

ކައުންސިލްތަކުން ޑެންގީ ކޮންޓްރޯލް ކުރުމަށް ޓާސްކްފޯސް އެލުލަވާލައި ރަށް ސާފުކުރުމާއި އާންމުން ހޭލުންތެރިކުރުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެދިފައިވާއިރު ސްކޫލުތަކުން ކޮންމެ ހަފްތާއަކު އެއް ފަހަރު ސްކޫލްގެ ގޯތިތެރެ ބަލައި މަދިރި އާލާވާ ތަންތަން ނައްތާލުމާއި ޑެންގީ އިން ރައްކާތެރިވުމާއި ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.

މީގެ އިތުރުން ރިސޯޓްތަކާއި ކޮންސްޓްރަކްޝަން ސައިޓް އަދި އިންޑަސްޓްރިއަލް ރަށްތަކުން ރަށުގެ އެކި ސަރަހައްދުތައް ހަފުތާއެކު އެއް ފަހަރު ބަލައި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލާ ސާފުކުރުމާއި ޑެންގީ އިން ރައްކާތެރިވުމާ ގުޅޭތުން މުވައްޒަފުން ހޭލުންތެރިކުރުމަށް އެދިފައިވެ އެވެ.

އެޗްޕީއޭ އިން ވަނީ އާންމު ފަރުދުންވެސް މަދުވެގެން ހަފްތާއަކު އެއް ފަހަރު ގެއާއި ގޯތިތެރޭގައި ފެންހަރުލާ ގޮތަށް ހުންނަތަކެތި ބަލައި މަދިރި އާލާނުވާނެ ގޮތަށް ސާފުކުރުމާއި މަދިރިހެފުމުން ރައްކާތެރިވުމާއި ޑެންގީ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355