twitterviber whatsapp telegramfacebookyoutube instagram
18th April 2026

މޫސުމީ ބަދަލުތަކުން ނުރައްކާ ބޮޑު ގައުމުތަކަށް ދޭ އެހީ އިތުރު ކުރުމަށް ގޮވާލައްވައިފި

ނަބީލާ އިސްމާޢީލް
Apr 17, 2026

މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާބޮޑު ގައުމުތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.

އަބްދުއްރަހީމް އެފަދައިން ގޮވާލެއްވީ ތުރުކީވިލާތުގެ އިސްތަންބުލްގައި ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ 152ވަނަ އެސެމްބްލީގައި ތަގުރީރު ކުރައްވަަމުންނެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ސަލާމަތީ ކަންކަމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ހާއްސަކޮށް ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާބޮޑު ގައުމުތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

އިންސާފު ގައިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މުސްތަގުބަލެއް ކަށަވަރުކޮށްދިނުމަށްޓަކައި، ވަރުގަދަ ޑިމޮކްރެޓިކް މުއައްސަސާތަކެއް ހުރުމާއި، ޒިންމާދާރުވެރިން ގާއިމުކުރުމާއި، އިންސާނީ ހައްގިތަކަށް އިހުތިރާމްކުރުމުގެ އިތުރުން ގާނޫނުގެ ސިޔާދަތު ދެމެހެއްޓުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އައިޕީޔޫގެ މިއަހަރުގެ އެސެމްބްލީގެ މައުޟޫ ކަމަށްވާ "އަންނަން އޮތް ޖީލުތަކަށްޓަކައި، އުންމީދު އާލާކޮށް، ސުލްހަ މަސަލަސްކަން ގާއިމުކޮށް، އަދި އިންސާފު ކަށަވަރުކޮށްދިނުން" މި މައުލޫއަށް އަލިއަޅުއްވާލައްވަމުން، މަޖިލީހުގެ ރައީސްވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމަތަކާއި އަދި ތަފާތުކުރުންތަކުން އުފެދިފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ގާނޫނު ހަދާ މަޖިލިސްތަކުގެ ޒިންމާ ބޮޑުކަން ވެސް ފާހަގަކުރައްވާފައެވެ.

އަބްދުއްރަހީމްގެ ތަޤްރީރު ނިންމަވާލެއްވީ، ސުލްހަވެރި، އިންސާފުވެރި، އަދި އުންމީދީ މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު މަސައްކަތްކުރުމުގައި ރާއްޖޭން ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355