twitterviber whatsapp telegramfacebookyoutube instagram
19th April 2026

ރާއްޖެއަށް ދެ ކިލޯއެއްހާ މަސްތުވާތަކެތި އެތެރެކުރި ދެ އަންހެނަކު ހައްޔަރުކޮށްފި

ނަބީލާ އިސްމާޢީލް
Apr 19, 2026

ވައިގެ މަގުން ރާއްޖެއަށް ގާތްގަނޑަކަށް ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ދެ އަންހެނަކު ހައްޔަރުކޮށް، އެމީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

ފުލުހުން ބުނީ، މިދިޔަ ހުކުރު ދުވަހު ހިންގި މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ، އާބިޖިލީހިޔާ، އާމިނަތު ރޫނާ (29އ) އާއި ގ. މުތީގެއާގެ، އަލްޔާ ޝަރްސާ ނަސީރު (25އ) އެވެ. މި ދެމީހުންގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތެވެ.

މި މައްސަލައިގައި ހިމެނޭ ރޫނާ ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާއަކީ ރާއްޖެ އައިއިރު އަމަލުތައް ހުރިގޮތުން ކަސްޓަމްސް އިން ހިފަހައްޓައި، ބަލައި ފާސްކުރުމަށްފަހު ފުލުހުންނާ ހަވާލުކުރި މީހެކެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ދެވަނަ މީހާ ކަމަށްވާ އަލްޔާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭންނެވެ.

ފުލުހުން ބުނި ގޮތުގައި މި މީހުން އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުރި ކަމަށް ކޯޓު އަމުރުން އެނގެ އެވެ. މިއީ ރާއްޖެއަށް އެތެރެކޮށް ވިޔަފާރިކުރުމަށް ގެނައި ތަކެތި ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

މި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި ދެ މީހުންވެސް 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355