ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް އަބްދުﷲ ޖަމީލު މޫސާ އައްޔަންކުރަން ނިންމައިފިއެވެ.
ފަނޑިޔާރުން އައްޔަންކުރުމުގެ ކަންކަން ކުރިއަށް ގެންދާ ޖުޑީޝަލް ސާވިސް ކޮމިޝަންއިން ހައިކޯޓަށް އިސް ފަނޑިޔާރެއް ހޯދުމަށް އިއުލާންކުރީ މިދިޔަ މަހުއެވެ.
ޖޭއެސްސީން މިއަދު ބުނީ އެ މަގާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހު އެ މަގާމަށް ޖަމީލު އައްޔަންކުރަން ނިންމާފައިވާ ކަމަށެވެ.
ޖަމީލު އަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 16 އަހަރަށްވުރެ ދިގުމުއްދަތަކަށް އޭނާ ހިދުމަތް ކުރައްވާފައިވާއިރު، 2003ގެ ސެޕްޓެމްބަރު 23 އިން 2009ގެ ޖަނަވަރީ 31ވަނަ ދުވަހާ ހަމައަށް ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ފެބްރުވަރީ 01 އިން 2019 ފެބްރުވަރީ 21ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ގާޒީގެ މަގާމު ވެސް ޖަމީލު ފުރުއްވާފައިވެއެވެ.
ޖަމީލު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.




