twitterviber whatsapp telegramfacebookyoutube instagram
10th August 2026

ފެމެލީ ކޯޓުގެ އިސްގާޒީ ކަމަށް އަބްދުﷲ ނަޝީދު އައްޔަނުކުރަން ނިންމައިފި

ނަބީލާ އިސްމާޢީލް
Apr 20, 2026

ފެމެލީ ކޯޓުގެ އިސް ގާޒީ ކަމަށް ބޭފުޅުން އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީ އިން ފެމެލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަން ނިންމާފައިވަނީ އެކޯޓުގެ ގާޒީ އަބްދުﷲ ނަޝީދު އެވެ.

ޖޭއެސްސީ އިން މިއަދު ކުރި އިއުލާނުގައި ބުނީ ފެމެލީ ކޯޓަށް އިސް ގާޒީއަކު ހޯދުމަށް ކުރި އިއުލާނުގެ ދަށުން ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު އިސް ގާޒީ ކަމަށް އައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ އެ ކޯޓުގެ ގާޒީ ޢަބްދުﷲ ނަޝީދު ކަމަށެވެ.

އަދި އޭނާ ޢައްޔަނުކުރުމަށް މިއަދު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ނަޝީދަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީން މާސްޓާ އޮފް ލޯ އަދި ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީޢާ އެންޑް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ނަޝީދު ވަނީ މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުކަމާއި، ނ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓުކަމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ އިތުރުން ފެމެލީ ކޯޓުގެ ޤާޟީކަމުގެ މަގާމް އަދާކުރައްވާފައިވެއެވެ.

ޝަރުޢީ ދާއިރާގައި 21 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ނަޝީދު، ފެމެލީ ކޯޓުގެ ގާޒީކަމަށް އައްޔަންކުރީ މާރިޗު 24، 2016 ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355