ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވެފައިވަނިކޮށް ކުޅުދުއްފުށީގައި ބިންގާ އެޅި 2000 ހައުސިން ޔުނިޓްގެ މަޝްރޫއު ކުރިއަށްނުދާތީ އެ މަޝްރޫއު 'މަރުވީ'ކަމަށް ބަލައި ބިންގަލުގައި ބަޔަކު ޒިޔާރާތް ހަދައިފި އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅު ތެރޭގައި ހިމެނޭ މި މަޝްރޫއުގެ ބިންގާ އެޅީ ބޮޑު ރަސްމިއްޔާތަކާއެކު އެޕްރީލްމަހުގެ އެއްވަނަ ދުވަހުގެ ރޭގަނޑު އެވެ. އޭގެ ފަހުން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްގޮސްފައެއް ނުވެ އެވެ. އެ ތަނުގައި ހުރީ ހަމައެކަނި ބިންގަލެވެ.
ރޭގެ ވަގުތެއްގައި ބަޔަކު އެދ ބިންގަލުގައި އެ މަޝްރޫއު ފަސްދާނުލި ވާހަކަ ލިޔެ ދެ މަހާނަ ގާ ޖެހި އެވެ. އަދި އެތަނުގައި ހުދު ދިދަ ޖަހައި ޒިޔާރާތެއް ސިފަވާނެ ގޮތަށް ބިންގާ ޒިޔާރާތަކަށް ބަދަލުކުރި އެވެ. އެކަމަކު މިއަދު ހެނދުނުގެ ވަގުތެއްގައި އެތަނުގައި ޖަހާފައި ހުރި މަހާނަ ގަލާއި ދިދަތައް ފުލުހުން ވަނީ ނަގާފަ އެވެ.
ކުޅުދުއްފުށީގައި 2000 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާ ހަވާލުކުރީ 2025 ވަނަ އަހަރުގެ އޯގަސްޓްމަހު ރައީސް ޑރ މުހައްމަދު މުއިއްޒު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. އޭގެ ފަހުން އެ މަޝްރޫއުގެ އެއްވެސް ހަބަރެއް ނެތި އޮވެފައި ބިންގާ އެޅީ މިއަހަރުގެ އެޕްރީލްމަހު އެވެ.
ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ބިންގާ އެޅީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ފަރުހަތު މުހައްމަދާއި ޓީމް ވަން އިންޑިއާ ކުންފުނީގެ ޑިޒައިން ޑިރެކްޓަރު ބަޝީރު އަހުމަދެވެ.




