twitterviber whatsapp telegramfacebookyoutube instagram
27th April 2026

ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމުކޮށްލައި ރުފިޔާތަކެއް ފޭރިގަނެފި

އަބްދުލް ވާހިދު ޙަސަން
Apr 27, 2026
ކުޅުދުއްފުށީ ސިޓީ

މޫނު ނިވާކޮށްގެން ތިބި ބަޔަކު ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައި އެ މީހާގެ އަތުން ފައިސާތަކެއް ފޭރިގަނެފި އެވެ.

ރޭ ކުޅުދުއްފުށީގައި ހިނގި މިހާދިސާގައި ޒަހަމުކޮށްލާފައިވަނީ އިންޑިޔާއަށް ނިސްބަތްވާ ވެލިޑަރެކެވެ.

އެ ބިދޭސީ މީހާގެ ހަވާލުވެ ހުރި ދިވެހި މީހާ ކޭއޯއަށް މައުލޫމާތު ދެމުން ބުނީ، ހަމަލާދީ ޒަހަމުކޮށްލީ އޭނާ ދިރިއުޅޭ ގެޔަށް ބަޔަކު ގޮސްގެން ކަމަށާއި އެކަން ކޮށްފައިވަނީ ބެލެވޭ ގޮތުގައި ދުރާލައި ރާވައިގެން ކަމަށެވެ.

" އޭނާ ގޭގައި އުޅެނިކޮށް ގޮސް ބަޔަކު ދޮރުގައި ޓަކި ޖެހީމަ ދޮރު ހުޅުވިތަނުން ކަޓަރުން ބިރު ދައްކައި ހިފެއްޓީ."

ހިފެހެއްޓުމަށްފަހު ޖީބު ކަފާލައި ވޮލެޓް ފޭރިގަނެ ގައިގެ ތިން ތަނެއްގައި ކަޓަރު އެޅި ކަމަށެވެ. އެ ގޮތުން ދެ އަތުގެ މަތީގަ އާއި މޫނުމަތީގެ ބުމަ ކައިރީގައި ކަޓަރު އަޅާ ޒަހަމުކޮށްލާފައިވާ ކަމަށެވެ. އެ ގޭގައި އިތުރު ބިދޭސީ އުޅުނުކަމުގައިވިޔަސް އެވަގުތު ގޭގައި އުޅެމުންދިޔައީ އޭނާ އެކަނި ކަމަށާއި އެ ހަމަލާދިނީ ރޭގައި 20:35 އެހާއިރު އެވެ.

އޭނާގެ ވޮލެޓް ފޭރިގަތްއިރު ވޮލެޓްގައި 33500 އަށްވުރެ ގިނަ ރުފިޔާ ހުރިއިރު ހަމަލާދިނީ ތިން މީހުންގެ ގުރޫޕަކުން ކަމަށް މައުލޫމާތު ލިބެ އެވެ.

ހާލު ސީރިއަސް ނުވިނަމަވެސް އެ މީހާއަށް ނަފްސާނީ ގޮތުން ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އަނިޔާވި މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ކުޅުދުއްފުށީގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ފައިސާތަކެއް ފޭރިފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2026 އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ 20:55 އެހާއިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355