ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާ އެކު، އަލުން ހުވާކުރެއްވި 14 ވަޒީރަކަށް ރުހުންދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސް މުއިއްޒު ވަޒީރުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވުމުން، އެ ކޮމިޓީން ނިންމީ ދެ މައްސަލައެއްގެ ގޮތުގައި ފޮނުވި ނަމަވެސް 14 ވަޒީރުންގެ މައްސަލަ އެއް މައްސަލައެއްގެ ގޮތުގައި ދިރާސާކުރުމަށެވެ. އަދި، ހުރިހާ ވަޒީރުންނަށް ވެސް ރުހުން ދިނުމަށް އެކުގައި ވޯޓަށް އެހުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނެވީ މި މަހުގެ 14 އަދި 15 ގައެވެ. އެ ގޮތުން، ވަޒީރުންގެ މަޖިލީހުގެ އަދަދު 20 އިން 15 އަށް މަދުކޮށް، 10 ވަޒީރަކު އިސްތިއުފާ ދެއްވިއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ފަސް އާ ވަޒީރަކު އައްޔަން ކުރައްވާފައެވެ. މީގެ އިތުރުން، ކުރިން ހިމެނިވަޑައިގެންނެވި ނުވަ ވަޒީރަކު ވަނީ ވުޒާރާތަކަށް ގެންނެވި ބަދަލުތަކާ އެކު އަލުން ހުވާ ކުރައްވާފައެވެ.
މިނިސްޓަރު އަހުމަދު ޝިޔާމް އާއި ހަސަން ރަޝީދު ފިޔަވައި ދެން ތިއްބެވި ވަޒީރުން މަގާމަށް އައްޔަން ކުރެއްވީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އަހުމަދު ޝިޔާމް އާއި ހަސަން ރަޝީދު އައްޔަން ކުރެއްވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
ޤާނޫނުއަސާސީގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ގެންނަވާ ބަދަލުތަކާ އެކު މަޤާމުގެ ހުވާކުރައްވާ ވަޒީރުންނަށް ފުރިހަމަ ޤާނޫނީ ބާރުވެރިކަން ލިބޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.
އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ މި މައްސަލަ މަޖިލީހަށް ފޮނުއްވީ މި މަހުގެ 20ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.




