twitterviber whatsapp telegramfacebookyoutube instagram
28th April 2026

މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ގަވާއިދު އާންމުކޮށްފި

ނަބީލާ އިސްމާޢީލް
Apr 28, 2026

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅުއެޅުމާ ގުޅޭ އާ ގަވާއިދު އެކުލަވައިލައި، ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއުކޮށްފިއެވެ.

މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ މީޑިއާގެ ވަސީލަތްތަކުން ފަތުރާ ކޮންޓެންޓާ ގުޅިގެން ހުށަހަޅާ ޝަކުވާތައް ބަލައި، ގާނޫނާއި ގަވާއިދާ ޚިލާފުވާ ހާލަތްތަކުގައި ފިޔަވަޅު އެޅުމެވެ.

މިދިޔަ ސެޕްޓެންބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި މި ގާނޫނާ އެކު، ކުރިން އޮތް ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް (އެމްއެމްސީ) ވަނީ އުވިފައެވެ. މިހާރު މީޑިއާގެ ކަންކަން ބަލަހައްޓަމުންދަނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން ކަމަށްވާއިރު، ނޫސްވެރިންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދަނީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި، މި ގާނޫނު ބާތިލުކުރުމަށް އެމްޖޭއޭއިން ވަނީ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅާފައެވެ.

އަލަށް އަމަލުކުރަން ފެށި ގަވާއިދުގެ ދަށުން، ކޮންމެ ފަރާތަކަށް ވެސް މީޑިއާއާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން، ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީންނާއި ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅާ މައްސަލަތައް ވެސް ބެލުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ.

ކޮންޓެންޓަކާ ގުޅޭ ޝަކުވާއެއް ހުށަހަޅާ ނަމަ، އެ ކޮންޓެންޓެއް ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓުކުރި ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހެއެވެ.

މި ގަވާއިދުގެ ދަށުން، ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ނޫސްވެރިން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކޮށްފައިވާއިރު، އެ ކަންކަމާ ހިލާފުވާ ނަމަ ވަކިވަކި ނޫސްވެރިންނަށް ވެސް ފިޔަވަޅު އެޅިދާނެ ކަމަށް މި ގަވާއިދު ބުނެއެވެ.

ގަވާއިދުގައި ވާގޮތުން މައްސަލަ ބަލާނީ، އެކަމަށްޓަކައި އެކުލަވާލާ ހާއްސަ ވަގުތީ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގައި އެ ކޮމިޝަނުގެ މެންބަރުން ފިޔަވައި އެހެން މީހުން ހިމެނިދާނެ ކަމަށް ވެސް ގަވާއިދުގައިވެއެވެ. މިގަވައިދުގައި ބުނާގޮތުން އަޅާނެ ފިޔަވަޅު ނިންމާނީ، އެ މައްސަލައެއް ތަހުގީގުކުރުމަށް ފަހު ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

ގަވާއިދު ބުނާގޮތުން ބްރޯޑްކާސްޓަރުން 50،000ރ. އާއި 250،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ. އަދި ނޫސް މަޖައްލާތައް 5000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.

ގަވައިދު ބުނާގޮތުން ކަންކަން އިސްލާހުކުރަން އެނގުމާއި، އާންމުކޮށް މައާފަށް އެދުން އަދި، މީޑިއާއެއްގެ ލައިސެންސް ނުވަތަ ނޫހެއްގެ ރަޖިިސްޓްރީ ބާތިލުކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.

ކޮމިޝަނުން މިއަދު ވަނީ ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމުގެ ގަވާއިދު ވެސް އާންމުކޮށްފައެވެ. މި ގަވާއިދުގައިވާ ގޮތުން ނޫހެއް ނުވަތަ މަޖައްލާއެއް ޝާއިއުކުރަންވާނީ ކޮމިޝަނުގައި ރަޖިސްޓަރީކުރުމަށް ފަހުގައެވެ.

ނޫސް މަޖައްލާގެ ރަޖިސްޓަރީގެ މުއްދަތަކީ ފަސް އަހަރެވެ. ރަޖިސްޓަރީ އާކުރަން ބޭނުންވާ ނަމަ، މުއްދަތު ހަމަވުމުގެ 90 ދުވަހުގެ ކުރިން ހުށަހަޅަން ޖެހެއެވެ. އަދި، އަހަރު ދުވަސްވަންދެން އެއްވެސް އެއްޗެއް ޝާއިއުނުކުރާ ނޫސްތަކުގެ ރަޖިސްޓަރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ.

ސިޔާސީ ޕާޓީތަކާއި ޖަމުއިއްޔާތަކުން ހަމައެކަނި އެ ތަނެއްގެ މުވައްޒަފުންނަށް ނުވަތަ މެންބަރުންނަށް އަމާޒުކޮށް ނެރޭ ލިޔުންތައް މި ރަޖިސްޓަރީން އިސްތިސްނާވާނެ ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355