އިލެކްޝަންސް ކޮމިޝަން (އީސީ) ރައީސްކަމުން މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވައިފި އެވެ.
އީސީގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވީ މިއަދު އެވެ.
އީސީގެ މެމްބަރަކަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޒާހިދު އައްޔަން ކުރެއްވުމަށް ފަހު، އޭނާ އަށް އެ ކޮމިޝަންގެ ރައީސްކަން ދެއްވީ ޖެހިގެން އައި ފެބްރުއަރީ 17 ވަނަ ދުވަހު އެވެ.
މުހައްމަދު ޒާހިދު ވަނީ މީގެ ކުރިން އެޗްއާރްސީއެމްގެ ނައިބު ރައީސްކަން ކުރައްވާފަ އެވެ. އަދި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ދީފައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު، ރައީސުލްޖުމްހޫރިއްޔާއަށެވެ.