ޕީއެންސީގެ ކެމްޕޭން ސްޕޯކްސްޕާސަނަކަށް ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ހަމަޖައްސައިފިއެވެ.
މި ބަދަލު ގެނެސްފައިވާކަން އެ ޕާޓީން ރަސްމީކޮށް ހާމަކޮށްފައިވާއިރު، ޕާޓީގެ އާންމު މެންބަރުންނާއި އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުން އަންނަނީ އޭނާއަށް މަރުޙަބާގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ.
މިވަގުތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމު ވެސް ފުރުއްވަމުން ގެންދަވާ ފިރުޒުލްއަކީ މީގެ ކުރިން ވެސް މުހިންމު ދަނޑިވަޅުތަކެއްގައި ތަރުޖަމާނުގެ ދައުރު އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު، އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޑރ. މުޙައްމަދު މުޢިއްޒު ހުންނެވި މަރުހަލާގައި އެމަނިކުފާނުގެ ރަސްމީ ބަސްވިދާޅުވާ ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރެއްވީ ވެސް ފިރުޒުލްއެވެ.
މީގެ އިތުރުން، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެސް ކޮންގްރެސް ޕާޓީގެ އަޑު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރެއްވީ އޭނާއެވެ.