twitterviber whatsapp telegramfacebookyoutube instagram
3rd May 2026

ނޫސްވެރިންގެ ހައްގުތައް އެންމެ މަތީ ދަރަޖާގައި ކަށަވަރުކޮށްދޭނަން: ރައީސް

ނަބީލާ އިސްމާޢީލް
May 3, 2026

ނޫސްވެރިންނަށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އެންމެހައި ހައްގުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދެއްވާނޭ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސް މުއިއްޒު މި ޔަގީންކަން ދެއްވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

މީޑިއާއަކީ ގާނޫނުއަސާސީގައި ސަރީހަކޮށް ބަޔާންކޮށްފައިވާ، ވަކިވެފައިވާ ބާރުތައް ގުޅުވައިދިނުމުގެ އެންމެ މުހިންމު ދައުރު އަދާކުރާ ހަތަރުވަނަ ބާރު ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުން ބާރުވެރިކުރުވުމާއި، މައުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަމަށެވެ.

ރައީސް ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ނުހަނު މަތީ ދަރަޖައަކަށް ފުރުސަތު ދެވިފައިވައި، ހިފަހައްޓަންޖެހޭ އިންތަކަކާއި މިންތަކެއް ކަނޑައަޅުއްވާފައިވާ ކަމެއް ކަމަށެވެ. އެގޮތުން ހިޔާލުފާޅުކުރުމުގައި އަހުލާގީ މިންގަނޑުތަކަށް ތަބައަވުމާއި، މުޖުތަމައުގެ އާންމު މަސްލަހަތު ހިފެހެއްޓުމާއި، ސިލްމާއި ސަލާމަތު ނެގެހެއްޓުމާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާކަން ހަނދުމަކޮށް ދެއްވި އެވެ.

ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަވަމުން ގެންދަވާ އެންމެ މަތީ އެއް މަސްލަޙަތު ކަމަށާއި ނޫސްވެރިންނަށް ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އެންމެހައި ހައްގުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދެއްވާނޭ ކަމުގެ ޔަގީންކަން ރައީސްގެ ހިތާބުގައި ދެއްވި އެވެ.

މިމުނާސަބަތާ ގުޅުވައިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެކަމަނާގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓުގައި، މިއަދަކީ ނޫސްވެރިކަމުގެ ދާއިރާއާއި މިނިވަން ނޫސްވެރިންގެ މަސައްކަތުގެ އަޚުލާޤީ މިންގަނޑުތަކާ މެދު ފުންކޮށް ވިސްނައި، އެ ކަންކަން މުރާޖަޢާކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355