ސަރުކާރުގެ ހައުސިންގް ސްކީމްތަކުގެ ތެރެއިން، އަސާސީ ބޯހިޔާވަހިކަން ލިބޭ ސިފައިންގެ އަދަދު އިތުރުކޮށްދެއްވާނެ ކަމަށާއި، ބަނޑޭރިކޮށި ޒަމާނީ ކުރުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއު މި އަހަރުގެ ތެރޭގައި ފަށާނެ އެވެ.
ރައީސް ވިދާޅުވީ ބަނޑޭރިކޮށި ސަރަހައްދަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް ތަރައްގީއެއް ނައިސް، އަޅާނުލެވި އޮތް ތަނެއް ކަމަށެވެ. ކޮންމެ ސަރުކާރަކުން ވެސް އެ ތަން ތަރައްގީ ކުރުމުގެ ވާހަކަ ދެއްކި ނަމަވެސް، އަމަލީ ގޮތުން އެދެވޭ ބަދަލެއް މިހާތަނަށް ގެނެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އެހެންވެ މި ސަރުކާރުން އެކަން ބަދަލުކުރަން ނިންމާފައިވާ ކަމަށާއި، މިހާރު ވެސް ހައުސިން މިނިސްޓްރީއާ ގުޅިގެން އެ މަޝްރޫއުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ ތަނަކީ މި ސާވިސްގައި، ދެ މީހުން ހުރިހާ ހިނދަކު ކަނޑައެޅިފައި އޮންނަ ވަކި އުސޫލަކުން މިހާރު ވެސް ބޯހިޔާވަހިކަން ދިން ލިބޭ ތަނަކަށް ވާއިރުގައި، ތަނުގެ ބޭނުން ހިފޭ ސިފައިންނާއި ޢާއިލާތައް މަދު. އަދި ފެންވަރުގައި މި ހުރިހާ ގޮތަކުން ވެސް ހުރީ ރަނގަޅަކަށް ނޫން." ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫއަކީ ހަމައެކަނި ސިފައިންނަށް ހާއްސަ މަޝްރޫއެއް ނޫން ކަމަށާއި، ފުލުހުންނާއި އެ މުއައްސަސާތަކުގެ އާއިލާތަކަށް ވެސް އޭގެ ނަފާ ލިބޭނެ ކަމަށެވެ.
"މުޅި ބަނޑޭރިކޮށި ސަރަޙައްދު އެކީގައި، ޒަމާނީ ހައުސިންގ ޕްރޮޖެކްޓެއް ހިންގައި، އެތަނުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އުންމީދުކުރަނީ، މިހާރު ކުރެވޭ މަސައްކަތް، ޢަމަލީ ސްޓޭޖަކަށް މި އަހަރުގެ ތެރޭގައި ގެންދެވޭނެ ކަމަށް،ނޫނީ އެންމެ ލަސްވެގެން ހަމަ މި އަންނަ އަހަރުގެ ކުރީކޮޅާ ހަމައަށް ދާއިރަށް، ކުރިއަށް އޮތް އަށެއްކަ މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ޓާގެޓަކީ، ޢަމަލީ ގޮތުން އެ ސަރަޙައްދުގައި ބޮޑު ހައުސިންގ ޕްރޮޖެކްޓެއް ފެށުން، " ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަޝްރޫއު ފަށާ އިރު، އެ ތަނުގައި ދިރިއުޅޭ އާއިލާތައް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރަން ޖެހޭނެ ކަމަށެވެ. އެކަމާ ގުޅޭ ތަފްސީލީ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށާއި، އަމާޒަކީ ސިފައިންނާއި ފުލުހުންނަށް ޝަރަފުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ފަދަ ތަނަވަސް ބޯހިޔާވަހި ކަމެއް ގާއިމުކޮށް ދިނުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.




