twitterviber whatsapp telegramfacebookyoutube instagram
11th May 2026

އިންޑިއާގެ 50 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފި

ނަބީލާ އިސްމާޢީލް
May 11, 2026

އިންޑިއާ އަށް ދައްކަން ޖެހޭ ދަރަނީގެ ތެރެއިން 50 މިލިއަން ޑޮލަރު މިއަދު ދައްކާފައިވާ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިއީ މިދިޔަ އެމްޑީޕީ ސަރުކާރުން ނަގައިފައިވާ ދަރަންޏެއް ކަމަށެެވެ. ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ތިން ފަހަރެއްގެ މަތިން އިންޑިއާއިން 50 މިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ނެގި ކަމަށެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން އިންޑިއާ އިން 150 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ އިރު، ކުރީ ސަރުކާރުން އައީ އެކި ދުވަސްމަތިން އެ ދަރަނި ރޯލްއޯވާ ކުރަމުން ކަމަށެވެ.

"މި ސަރުކާރުން 7 ޖެނުއަރީ 2024 ގައި ސެޓަލްކުރިން 50 މިލިއަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބާކީ 100 މިލިއަން ޑޮލަރު އިންޑިއާ ސަރުކާރުގައި އެދިގެން ރޯލްއޯވާ ކުރަމުން އައިސްފައިވާ ކަމަށާއި އޭގެ ތެރެއިން 50 މިލިއަން މިއަދު ހެނދުނު ދައްކާފައިވާ ކަމަށެވެ.

އަދި މިހާރު ބާކީ އިން 50 މިލިއަން ޑޮލަރު މި އަހަރުގެ ސެޕްޓެމްބަތި 17 ގައި ދައްކައި ހަލާސް ކުރައްވާނެ ކަމަށެވެ.

ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން މިދިޔަ 40 ދުވަސް ތެރޭގައި 974 މިލިއަން ޑޮލަރު ދައްކައި ހަލާސްކޮށްފައިވާ ކަމަވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދަރަނިތައް ދައްކަމުން ދާނީ، މުވައްޒަފުންގެ މުސާރަތައް ދެމުން، އަސާސީ ކާބޯތަކެތި ހޯދަމުން، ތެލަށް ޚަރަދުކުރަމުން، ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ދޭންޖެހޭ ފައިސާ ދެމުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355