އެޓެންޝަން ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑާ (އެޑީއެޗްޑީ) ހުންނަ ފަރާތްތަކަށް ދޭ ބޭހެއް އެތެރެކުރުން ހުއްދަ ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަސްތުވަތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުން "މިތައިލް ފެނިޑޭޓް" އެތެރެ ކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް އެއީ އޭޑީއެޗްޑީ ހުންނަ ފަރާތްތަކަށް ބޭނުންވާ އެންމެ އަސާސީ އެއް ބޭސް ކަމަސްވާތީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ އެ ބޭސް ހުއްދަ ކުރުމަށް އެދި ސިޓީއެއް ހުށަހަޅައިފަ އެވެ.
ކުޑޫ ހުށަހެޅި އެ މައްސަލަ ސަރުކާރުން ވެސް ވަނީ ބަލައިގަނެ އެކަމަށް ތާއީދު ކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ސިޓީ ފޮނުއްވުމުން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވަނީ އެ މައްސަލަ ދިރާސާ ކޮށްފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ކޮމިޓީ ރިޕޯޓަށް ވޯޓަށް އަހައިފަ އެވެ. އެގޮތުން އެ ބޭސް އެތެރެ ކުރުން ހުއްދަ ކުރަން ފާސް ކުރީ ވޯޓުގައި ބައިވެރިވި 51 މެންބަރުންގެ އިއްތިފާގުންނެވެ.




