ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކި ކުރުމުގެ މަސައްކަތް ޕީއެންސީން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ވަކި ކުރުމަށް ޕީއެންސީގެ މެންބަރުން ވަނީ މަޖިލީހަށް އިތުބާރު ނެތް މައްސަލައެއް ހުށަހަޅަން ސޮއި ހަމަ ކުރައްވައިފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެ ޕާޓީން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ނާޒިމް ވަކި ކުރަން ނިންމާފައިވާ ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ބައެއް މެންބަރުން ބުނާ ގޮތުގައި އެއީ ސަރުކާރާ ދެކޮޅަށް ހިންގާ ގިނަ ކަންކަމުގެ ފަހަތުގައި އޭނާ ހުންނެވުމާ ގުޅިގެންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި ވެސް އިންނެވީ ނާޒިމް އެވެ. ނަމަވެސް ޕީއެންސީގެ މެންބަރުން ތަޅުމަށް ވަދެވަޑައިނުގަތުމުގެ ސަބަބުން ކޯރަމް ހަމަނުވެ ޖަލްސާ ކެންސަލް ކުރަން ޖެހުނެވެ.
އެއީ ރިޔާސަތުގައި ނާޒިމް އިންނެވުމާ ގުޅިގެން ޕީއެންސީގެ މެންބަރުން މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރެއްވީ ކަމަށް ބައެއް މެންބަރުން މައުލޫމާތު ދެއްވަ އެވެ.




