ރަމަޟާން މަހު މަޤްބޫލު އުޒުރެއް ނެތި ރޯދަ ދޫކޮށްލި ކަމަށް އިއުތިރާފުވި ކުޅުދުއްފުށީ ދެ ފިރިހެނެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އެ މީހުން ގޭގައި ބަންދުކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ކުޅުދުއްފުށީ ސިޓީ، އާސާމް/ އަބޫބަކުރު މުޙައްމަދާއި، އެ ސިޓީ، މިސްރުގަދަކޯޅިގެ/ އިބްރާހީމް ހަސަންގެ މައްޗަށެވެ.
މި މައްސަލަ ބައްލަވައި ހުކުމް ކުރެއްވީ ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓެވެ.
ރަމަޟާން މަހު ދުވާލު އިރު އޮއްސުމުގެ ކުރިން، ޝަރުޢީ އުޒުރެއް ނެތި އާންމު ތަންތަނުގައި ކައިބޮއެ ހެދުމަކީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެކެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 611 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމީ ޝަރީޢަތުގައި ރޯދަ ހިފުން ވާޖިބުވެގެންވާ މީހަކު، ރަމަޟާން މަހުގެ ދުވާލު ވަގުތެއްގައި އެއްވެސް ޝަރުޢީ އުޒުރެއް ނެތި އާންމު ތަނެއްގައި ކެއުމާއި، ބުއިމާއި ނުވަތަ ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ކުށެކެވެ.
ގާނޫނުލްއުގޫބާތުގެ 611 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން އެއީ ޖުނަޙްގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ.
ޖުނަޙްގެ ތިންވަނަ ދަރަޖައިގެ ކުށަކަށް ދެވޭނެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ކުށުގެ ހާލަތަށް ރިއާޔަތްކޮށް އަދަބުގެ މިންވަރު ބަދަލުވުމުގެ ފުރުސަތު އޮވެއެވެ. އަދި، ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާ ނުވަތަ މުޖުތަމައަށް ފައިދާ ހުރި މަސައްކަތްކުރުން ފަދަ އަދަބެއް ކަނޑައެޅުމުގެ އިޚުތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. މީގެ އިތުރުން، އިސްލާމް ދީނުގެ ޙުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ބަލައި، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ވެސް ފިޔަވަޅު އެޅިދާނެއެވެ.