ވ. އަތޮޅުގައި ދަތުރުކުރަމުންދިޔަ ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަނިކޮށް، އެ އެންމެން މަރުވެފައި ތިއްބާ ފެނިއްޖެއެވެ.
ފުލުހުން ބުނީ ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:45 އެހައިކަންހާއިރުކަމަށެވެ. އަދި މި މައުލޫމާތު ލިބުމާއެކު އެމީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފަ ކަމަށެވެ.
އެމީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު ފަސް މީހުން ވެސް މިހާރު ފެނިފައިވާ ކަމަށާއި، ނަމަވެސް ފެނުނުއިރު އެ އެންމެން ވެސް ވަނީ މަރުވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި، އިތުރު މައުލޫމާތު ލިބެމުންދިޔަ ވަރަކަށް އާންމުންނާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.




