twitterviber whatsapp telegramfacebookyoutube instagram
18th May 2026

ކޮންމެ އަތޮޅަކަށް އެލްޖީއޭގެ އަތޮޅު އޮފީހެއް ހަދަން ނިންމައިފި

ނަބީލާ އިސްމާޢީލް
May 18, 2026

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު އަތޮޅު ކައުންސިލްތައް އުވިފައިވާއިރު، ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އޮފީހެއް ގާއިމްކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އައިޝަތު އިކްރާމް ސޮއިކުރައްވައި އެލްޖީއޭއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ހިދުމަތްތައް އިދާރީ ދާއިރާތަކުގައި ދިނުމަށް ގާއިމްކުރާ އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ގާއިމްކުރާ ތަންތަނަށް ނުވާތީ، އެ ތަންތަނަށް ތަފާތު ވަކި ނަމެއް ހަމަޖެއްސުމުގެ ބަދަލުގައި އެ ތަންތަނަށް ބޭނުންކުރުމަށް ފެނިވަޑައިގަންނަވާ ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

އެ ނަމަކީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - (އަތޮޅު) އޮފީސް އެވެ.

މި އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ނޫން ނަމަވެސް، ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ހިދުމަތްތައް އަތޮޅު ފެންވަރުގައި ދިނުމަށް ގާއިމްކުރާ ތަންތަނެވެ.

މި ބަދަލާ ގުޅިގެން އަތޮޅު ކައުންސިލްތަކުގައި މިހާރު ތިބި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިރުޝާދު ދެއްވާފައެވެ.

މުވައްޒަފުންގެ ވަޒީފާގެ ކަންކަން ހަމަޖައްސާނީ މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިންކަމަށް އެ ސިޓީގައި ބުނެފައިވާއިރު، އެހެންކަމުން، އަތޮޅު ކައުންސިލްތަކުގެ މުވައްޒަފުން އާ އޮފީސްތަކަށް ބަދަލުވާއިރު، އެ މީހުންގެ މާލީ އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

އިއްޔެ ވަނީ ލޯކަލް ކައުންސިލްތަކުގެ ފަސް ވަނަ ދައުރު ފެށިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355