ކުޅުދުއްފުށިން އެ އަތޮޅު ނޮޅިވަރަމަށް ދަތުރުކުރަމުންދަނިކޮށް އިންޖީނު ހުއްޓި ކުޅުދުއްފުށީ އެއާޕޯޓް ތޮށިގަނޑަށް އުރުނު ލޯންޗު ނަގައިފި އެވެ.
މިއަދު ހަވީރު ގާތްގަނޑަކަށް 4.45 އެހާއިރު ހިނގި މި ހާދިސާގައި ތޮށިގަނޑަށް އަރައި ގެއްލުވީ ނޮޅިވަރަމް, ތަރާނާ ނަމަކަށް ކިޔާ ލޯންޗެކެވެ.
ލޯންޗު އުރުނުއިރު އޭގައި ތިބީ ކެޕްޓަނާއި ފަޅުވެރިއެއް އެކަންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަމަށް މައުލޫމާތު ލިބެ އެވެ.
ލޯންޗު ތޮށިގަނޑަށް އެރީ ކުޅުދުއްފުށިން ފުރައިގެން ނޮޅިވަރަމަށް ދަނިކޮށް އިންޖީނު ހުއްޓި، ރާޅުތަކުގެ ތެރޭގައި ލޯންޗް ކޮންޓްރޯލްނުކުރެވި އެވެ. އެއާޕޯޓް ހުޅަނގު އުތުރު އެ ސަރަހައްދަކީ ހުޅަނގުގެ ގަދާގައި ވަރަށް ގަދަ ސަރަހައްދެއްކެވެ.
ކަމާ ގުޅުން ހުރި ފަރާތްތަކާ އާންމުގެ އެހީތެރިކަމާއެކު ލޯންޗު ނެގުނުއިރު ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.




