ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގިޔަ ނުދެއްވާނެ ކަމަށާއި އެއީ އިދިކޮޅު ފަރާތްތަކުން ދެކޭ ނަނާ ހުވަފެނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދުގެ ކެމްޕޭން އިފްތިތާހު ކުރުމަށް އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަކީ އިދިކޮޅުން ދެކޭ "ނަނާ ހުވަފެނެއް" ކަމަށާއި، އެކަން ކާމިޔާބު ކުރަން އެއްވެސް ޖާގައެއް މަޖިލީހުގެ ތެރެއިން ފަހިކޮށް ނުދޭނެ ކަމަށެވެ.
އަދި ރައްޔިތުން ތިބީ ރައީސް މުއިއްޒާއި ސަރުކާރާ އެކުކަން ފާހަގަކުރައްވައި، އިދިކޮޅު އެމްޑީޕީން ދައްކާ އަވާމެންދުރު ގަބޫލުނުކުރުމަށް އޭނާ ގޮވާލެއްވިއެވެ.
ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވިއިރު، މިދިޔަ ބުރާސްފަތި ދުވަހުގެރޭ އޮތް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ހުށަހަޅައިފައިވަނީ ނާޒިމާއެކު ޕީއެންސީގެ 23 މެންބަރަކު ޕާޓީ ބަދަލުކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އުޅުއްވާތީ ކަމަށެވެ.
މީގެއިތުރުން، އައްޑޫގެ ތަރައްގީއަށްޓަކައި ސަރުކާރުގެ ސިޔާސަތުތަކަށް އެއްބާރުލުންދޭނެ މެންބަރަކު މަޖިލީހަށް ހޮވުމުގެ މުހިންމުކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ކެންޑިޑޭޓަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ، އައްޑޫގެ މުހިންމު ތާރީހީ ލިޔެކިޔުންތަކުގައި ހުޅުޖެހި ބައެއްގެ ފަރާތުން ނުކުންނަ ކެންޑިޑޭޓަކު މަޖިލީހަށް ހޮވުމަކީ އައްޑޫގެ ރައްޔިތުން ބޭނުންވާނެ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން، މި ސަރުކާރު ޖަވާބުދާރީކުރުވަން އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން މަސައްކަތްކުރާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށާއި ހުސްވެފައިވާ އައްޑޫ ހިތަދޫ ދާއިރާގެ ގޮނޑިއަށް އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ) ހޮވުނަސް އެމްޑީޕީއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެެވެ.
"ރައްޔިތުންގެ މަޖިލީހުގެ ތެރެއަކުންނެއް ސަރުކާރު ޖަވާބުދާރީކުރުވަން މާ ބޮޑު މަސައްކަތެއް މިހާރު ތިއްބެވި އެމްޑީޕީ މެންބަރުންނަކަށް ނުކުރެވޭ، ނުކުރައްވާ، އޭގެ ތެރެއަށް ޢަބްދުالله ޞާދިޤް ވަޑައިގެން އިތުރަށް ކުރެވޭނެ ކަމެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އައްޑުއަށް ތަރައްގީ ގެނެސްދެވޭނީ މި ސަރުކާރަށް ކަމަށް ވިދާޅުވެ، ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިތުބާރު ނެތް ކަމަށް އެންމެ ފުރަތަމަ ސޮއިކުރާނެ މެންބަރެއް ރައްޔިތުންގެ މަޖިލީހަކަށް ބޭނުމެއްނުވާ ކަމަށެވެ.




