ސްކައުޓް ހަރަކާތަކީ ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ މެދުގައިވާ ޖޯގުރަފީ ދުރުމިން ކައިރިކޮށްދީ، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ބާރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގަ އެވެ.
ސްކައުޓް ހަރަކާތަކީ، އެކަކު އަނެކަކަށް އަޅައިލައި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ ހަރަކާތެއް ކަމަށާއި މި ހަރަކާތުން ރަމްޒުކޮށްދެނީ ނަފްސު އިސްލާހުކުރުމާއި، ރިވެތި އަހުލާގުގެ ބިންގަލުގެ މަތީގައި އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޒިންމާދާރު ޖީލެއް ބޮޑުވަމުންދާ އަދި އަމަލީ ތަރުބިއްޔަތުގެ މައިދާނެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ރާއްޖޭގެ އުތުރުން ދެކުނަށް ބަލާލިކަމުގައިވިޔަސް ސްކައުޓް ހަރަކާތަކީ، މި ޖަޒީރާ ރަށްތަކުގެ މެދުގައި ޖޯގުރަފީ ގޮތުން އޮންނަ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ބާރެކެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮންމެ ސްކައުޓެއްގެ ކިބައިން ފެނިގެންދާ ހިތްވަރާއި، އަޒުމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މާތް ސިފައަކީ، ކާބަފައިންގެ ކިބައިން ވާރުތަވެފައިވާ އިހުތިރާމް ކުރުމާއި، އުސޫލުތަކަށް ތަބާވުމުގެ ރީތި މިސާލެއް ކަމަށެވެ.
އިންސާނިއްޔަތަށް ހުދުމަތް ކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅާ ކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ ރީތި ނަމޫނާ ސްކައުޓުންގެ ފަރާތުން މިހާތަނަށްވެސް ފެނިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމީ ހަޔާތުގައި ކުރިމަތިވި ކޮންމެ ބޮޑު ކާރިސާއެއްގައި، އަދި ގައުމަށް ދިމާވި ކޮންމެ ނުރައްކާތެރި ދަނޑިވަޅެއްގައި ހާއްސަކޮށް 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު މުޅި ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ނުރައްކާތެރި ބިރުވެރި ކާރިސާއިންވެސް، އެއްވެސް ޖެހިލުމެއްނެތި ގައުމީ ކަންކަމުގައި އަބަދުވެސް ތައްޔާރަށް ތިބޭނޭ އެއްބަޔަކީ، އަޅުގަނޑުމެންގެ ލޮބުވެތި ސްކައުޓުންކަން ވަނީ ސާބިތުކޮށްދީފައެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.
ތައުލީމީ ހަޔާތުގައި ސްކައުޓް ހަރަކާތުގައި އުޅުއްވި ރައީސް މުއިއްޒު ވިދާޅުވީ އެ ހަރަކާތުން ލިބުނު ހުނަރާއި ތަޖުރިބާއަކީ އެޅި ކޮންމެ ފިޔަވަޅެއްގައި މަގު ދައްކައިދިން ކަންކަން ކަމަށެވެ.