ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ނާޒިމް އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތާވަލު ކޮށްފައި ވަނިކޮށެވެ.
ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ނާޒިމްގެ އިސްތިއުފާ ސިޓީ ލިބިވަޑައިގަންނަވާ ކަމަށް އިއުލާން ކުރައްވައިފަ އެވެ. އެއަށް ފަހު ކުރާނެ އިތުރު މަސައްކަތެއް ނެތުމުން މިއަދުގެ ޖަލްސާ ނިންމާލި އެވެ.
ޕީއެންސީގެ 73 މެންބަރުން ސޮއި ކުރައްވައި ނާޒިމް ވަކި ކުރަން ހުށަހެޅި ގަރާރުގައި ބުނާ ގޮތުން އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގަ އެވެ. އަދި މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރު ދިނުމާއި މަޖިލީހުގައި ވަކި އަތަކަށް ޖެހުމުގެ އިތުރުން މެންބަރުންގެ ހައްގުތައް ހިމާޔަތް ކުރަން އޭނާ އިހުމާލުވެފައިވާ ކަމަށް ވެސް އެ ގަރާރުގައި ވަނީ ތުހުމަތު ކޮށްފަ އެވެ.
އެހެން ނަމަވެސް ނާޒިމްގެ އިސްތިއުފާ ސިޓީގައި ވަނީ އެކަމަށް ރައްދު ދެއްވައިފަ އެވެ. އެގޮތުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ސާބިތު ކޮށްދިނުމަށް އެއްވެސް ހެއްކެއް އެ ގަރާރުގައި ބަޔާން ކޮށްފައި ނުވާ ކަމަށާއި އެއްވެސް މެންބަރެއްގެ ފަރާތުން މިހާތަނަށް އެފަދަ ޝަކުވާއެއް ވެސް ކޮށްފައި ނުވާ ކަމަށެވެ.
"...މި ހުރިހާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ކަންތައްތަކެއް ކަން ފާހަގަ ކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ނާޒިމަކީ މި ފަހަކާ ޖެހެންދެން ޕީއެންސީގައި ނުފޫޒު ގަދަ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އާ އަރިސް މެންބަރެކެވެ. ނަމަވެސް މިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު މަޖިލީހުގެ މުހިންމު ކޮމިޓީތަކުން އޭނާ ވަކި ކުރި އެވެ. އަދި ރައީސް އާއި މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ވެސް ނާޒިމް ބޭރު ކުރި އެވެ.