ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އޭދަފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިހާބުކޮށްފި އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް މެންބަރަކު އައްޔަން ކުރަނީ އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިއްޔެ އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ. އެކްސްގައި އިއްޔެ ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއެކު ކަމަށާއި، ވަކި ފަރާތަކަށް ޖެހިވަޑައިގެން ނުވަތަ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
މަޖިލީހުގެ އާ ނައިބު ރައީސް ކަމަށް ސަލީމް އިންތިހާބުވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޒިޔާދު (ފިއްޓޭ) އާ ވާދަކުރައްވައިގެންނެވެ.
ސަލީމަށް 62 ވޯޓު ލިބުނު އިރު، ޒިޔާދަށް ލިބުނީ 10 ވޯޓެވެ. ބާތިލް 2 ވޯޓު ވެ އެވެ.
ސަލީމަކީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ ދުވަސްވީ އެއް މެންބަރެވެ. އޭނާއަކީ 20ވަނަ މަޖިލީހުގެ އެންމެ މުހިންމު އެއް ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރެވެ. އަދި މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރެވެ.




