ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ (ރޯޒޭ) ހިމެނޭހެން ދެ ކައުންސިލް މެންބަރަކު، ޗެއާޕާސަން އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރަން ނިންމައިފި އެވެ.
ނަޝީދަށް ތާއިދުކުރަން ނިންމި ކައުންސިލަރުންގެ ތެރޭގައި ރިލްވާން މުހައްމަދު (ރިލޭ) ހިމެނިވަޑައިގަންނަވަ އެވެ. އޭނާއަކީ މޭޔަރު އާތިފް އާއި ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲގެ އަރިސް އަދި ކައުންސިލްގެ ނުފޫޒުގަދަ މެންބަރެއްކަން ފާހަގަކުރެވެ އެވެ.
ރިލޭގެ އިތުރުން ކައުންސިލަރު ސަލްމާ މުހައްމަދުވެސް ވަނީ ނަޝީދަށް ތާއިދުކުރާކަން ހާމަކުރައްވާފަ އެވެ.
މީގެ އިތުރުން އަންހެނުން ކޮމެޓީގެ ރައީސް އައިމިނަތު އިބްރާހިމް އާއި އެ ކޮމެޓީގެ މެންބަރު ފާތިމަތު މުނާ އާދަމްވެސް ތާއީދުކުރަން ނިންމީ ނަޝީދަށެވެ.
ޗެއާޕާސަން އިންތިހާބުގައި ރައީސް ނަޝީދާ ދެކޮޅަށް ވާދަކުރައްވަނީ މީކާއިލް އަހުމަދު ނަސީމެވެ. ކުޅުދުއްފުށީގެ ދެ ކައުންސިލަރަކު މީކާއިލްއަށް ތާއިދުކުރަން ވަނީ ނިންމާފަ އެވެ. އެއީ އަކްބަރީ މުހައްމަދާއި މުހައްމަދު ޝައިމަން އާދަމް ސަލީމެވެ.
މޭޔަރު އާތިފް ތާއިދުކުރާ ފަރާތެއް އަދި ހާމަކޮށްފައިނުވާއިރު މޭޔަރުގެ އެންމެ އަރިސް މެންބަރުންގެ ތެރޭގައި ހިމެނޭ ޑެޕިއުޓީ މޭޔަރާއި މެންބަރު ރިލްވާން ތާއިދުކުރާކަން ހާމަކޮށްފައިވަނީ ރައީސް ނަޝީދަށެވެ.




