twitterviber whatsapp telegramfacebookyoutube instagram
9th June 2026

ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 15އަށް

ނަބީލާ އިސްމާޢީލް
Jun 9, 2026

މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 15އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހިގެ ވޭދަނަތަކެއް އުޅޭކަން ފާހަގަ ކުރެވިގެން ކަމާގުޅޭ އިދާރާތަކުން ވަނީ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 4 ކޭސް މާލެ ސަރަަހައްދުން ފެނިފައިވާ ކަމަށެވެ. އެހެންކަމުން މި އަހަރުގެ މިހާތަނަށް އެ ބަލީގެ 15 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭ އިން އިރުޝާދު ދެނީ ހުން އައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފި ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށެވެ.

ހިމަބިހި ކޭހެއް ފެނިއްޖެ ނަމަ، އާއްމުކޮށް އަމަލުކުރާ އުސޫލުގެ މަތިން، ބަލި ޖެހުނު ގޮތް ދެނެގަތުމަށް އިންވެސްޓިގޭޝަން ކުރިއަށް ގެންދިއުމާއި ކޮންޓެކްޓްވީ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ. ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުން އަދި މީސްލްސް ވެކްސިންގް ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ހިމަބިހީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުމެވެ. މި ބަލި ޖެހިއްޖެނަމަ ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގައެވެ. އެއަށްފަހު މޭމަތި، ބުރަކަށި،އަތުގައި އަދި ފައިގައި ބިހިތައް ނަގައެވެ.

ރާއްޖެ އިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރެވެ. އެކަމަކު އޭގެ ފަހުން 2020 ވަނަ އަހަރާއި 2023 ވަނަ އަހަރު މި ބަލި ޖެހިފައިވާ ބަޔަކު ފެނިފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355