ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ކުރެއްވި ތުހުމަތުތައް ހޯމްލޭންޑް ސެކިއުރީޓީ މިނިސްޓަރު އަލީ އިހްސާން ދޮގު ކުރައްވައިފި އެވެ.
ޝަމްއާން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.
ޝަމްއާން އެ ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް. ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ ޤަރީނާއެއް ނެތް އިރު، އޭނާ އެހަދަނީ ދޮގުކަން ކުރިންވެސް މީޑިޔާގައި އަޅުގަނޑު އޮންނާނީ ދަންނަވާފައި.
— Minister of Homeland Security, Labour & Technology (@min_mohst) June 10, 2026
ޝަމްއާން ފްރޭމްކޮށްފައިވާކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް…
މިނިސްޓަރ އިހުސާން އެކްސްގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޝަމްޢާން ފަތުރަމުންދަނީ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ނެތް، ބޭނުމެއް ނެތް ދޮގު ވާހަކަތަކެކެވެ. މީގެ އިތުރުން، އޭނާ ފްރޭމްކޮށްފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ވެސް ފުލުހުންގެ ތަހުގީގަށް ލިބިފައިވާ ހެކިތަކުން ކަނޑައެޅިގެން ދޮގުކަން ސާބިތުވާ ކަންތައްތަކެއް ކަމަށް ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް އޮޅުންފިލުވައިދީ، ރައްޔިތުންނަށް ސާފު މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުގައި މިހާރު އެދިވަޑައިގެންފައިވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ފޭސްބުކް މެދުވެރިކޮށް ޝަމްޢާން އާންމުކުރެއްވި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި ތުހުމަތުކޮށްފައި ވަނީ، ވަކި ބަޔަކަށް މަންފާވާގޮތަށް ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ނިޒާމު ވިއްކާލުމަށް ވަޒީރު އިޙްސާން މަސައްކަތްކުރެއްވި ކަމަށެވެ. ހަމައެއާ އެކު، ބިދޭސީންނަށް ވޯކް ޕާމިޓާއި ކޯޓާ ދޫކުރުމުގެ ތެރެއިން ބޮޑެތި ރިޝްވަތުތަކެއް ނަގަމުންދާކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
އެ ނިންމުންތަކާ ދެކޮޅު ހެދުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގުޅުއްވައި އިންޒާރު ދެއްވިކަމަށް ޝަމްޢާން ބުނެފައިވެއެވެ. އަދި ބަންޑާރަނައިބު އަޙްމަދު އުޝާމްގެ ބައިވެރިވުން މިކަމުގައި އޮތްކަމަށް ވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.
ޝަމްޢާން އިތުރަށް ބުނެފައިވާ ގޮތުގައި، ފާއިތުވި ޖެނުއަރީ މަހުގެ 16ވަނަ ދުވަހު މި މައްސަލަތައް ރައީސްގެ ސަމާލުކަމަށް ގެނައުމުން، އެސްޓޯނިއާގައި ހުންނަވައިގެން ރައީސް ވަނީ ވަޒީރު އިޙްސާން ގާނޫނާ ޚިލާފު އަމަލެއް ނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ޝަމްޢާންގެ އެ އަމަލުތަކަކީ ޒާތީ ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި ކަމަށް ވެސް އޭނާގެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.