މެދުއިރުމަތީގައި ހިނގާ ހަނގުރާމަ އާ ގުޅިގެން ތަރައްގީގެ މަޝްރޫއުތައް މަޑުޖެހުނު ކަމަށާއި ނަމަވެސް މަސައްކަތްތައް ދެން އަވަސް ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދ. މީދޫގައި ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މެދުއިރުމަތީގައި ހިނގާ ހަނގުރާމަ އާ ގުޅިގެން ކޮންސްޓްރަކްޝަން ސާމާނު ލިބުން ފަދަ ތަދިތައް ކުރިމަތިވި ކަމަށާއި އޭގެ އަސަރު ސަރުކާރާއި އަމިއްލަ ކުންފުނިތަކަށް ވެސް ކުރި ކަމަށެވެ.
ނަމަވެސް މިހާރު ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި މަޝްރޫއުތަކުގެ ސްޕީޑް ވެސް އަވަސް ވެގެންދާ ތަން ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން މިހާރު ސޮއިކޮށްފައިވާ މަޝްރޫއުތަކާއި އަލަށް ފަށަން ގަސްތު ކުރައްވާ 2645 މަޝްރޫއެއް ހިންގާނެ ގޮތް ތަރުތީބު ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެން ވާނީ ކެބިނެޓުގައި މަޝްވަރާކޮށް ހުރިހާ މަޝްރޫއުތަކުގެ ތަރުތީބު ކަނޑައަޅާ ނިންމާފައި." ރައީސް ވިދާޅުވި އެވެ.
މެދުއިރުމަތީގެ ހަނގުރާމަ އާ ގުޅިގެން އެންމެ ބޮޑު ލޮޅުމެއް އެރީ ދުނިޔޭގެ ތެލުގެ ބާޒާރަށެވެ. އަދި ސަޕްލައި ޗެއިންގައި ވެސް ދަތިތަކެއް ދިމާވި އެވެ. ނަމަވެސް މިހާރު އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭ އަށް ވެސް އެ އަސަރު އަންނަނީ ކުޑަވަމުންނެވެ.




