ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ތަހުގީގަށް ހޯދައި ހައްޔަރުކުރުމަށް އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނީ ފ. ނިލަންދޫ/ ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ)އެވެ. މި މައްސަލަ ރިޕޯޓުކުރުމާ އެކު އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށާއި އޭނާ މިހާރު އުޅޭ ތަނެއް އެނގިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އިންޓަޕޯލް ރެޑް ނޯޓިސްއަކީ ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާއެކު، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ހޯދައި ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެމީހުން ހައްޔަރުކުރުމަށް މަގުފަހިކުރުމަށް ނެރޭ ނޯޓިސްއެކެވެ. އަދި މި ނޯޓިސްތަކަކީ ތަހުގީގަށް ހާޒިރުކުރުމަށް ނުވަތަ ގާނޫނީ ފިޔަވަޅު އެޅުމަށް ޓަކައި ހޯދާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމަށް ނެރޭ ނޯޓިސްއެކެވެ.




