twitterviber whatsapp telegramfacebookyoutube instagram
24th June 2026

ސިނގިރޭޓު އަގު ހެޔޮކުރަނީ ހަމައެއް ލަމައެއް ނެތި ދައުލަތަށް އާމްދަނީ ވައްދަން

Jun 24, 2026

ސިނގިރޭޓުގެ އަގުހެޔޮކުރަން ސަރުކާރުން އުޅެނީ ހަމައެއް ލަމައެއް ނެތި ދައުލަތަށް އާމްދަނީ ވެއްދުމަށް ކަމަށް، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި، މައުރޫފް ވިދާޅުވީ، ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން އަށް ރުފިޔާއަށް ބޮޑުކުރުމުގެ ސަބަބުން މުޅި ޒުވާން ޖީލު އެއްކޮށް ބިޑި އޮޅަން މަޖުބޫރުވެފައިވާ ކަމަށެވެ.

ރައްޔިތުންގެ ސިއްހަތާ ދޭތެރޭ ސަރުކާރުން ވިސްނައި ސިޔާސަތުތައް އެކަށައެޅިނަމަ މިއަދު އަލުން ޑިއުޓީ ކުޑަކުރަން ނުޖެހުނީސް ކަމަށާއި މައުރޫފް ވިދާޅުވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ ސަރުކާރުން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ބޭނުމަކަށްވީ އާންމު ރައްޔިތުން ފެލާލައި ދައުލަތުގެ މާލިއްޔާ ހުސްކޮށްލުން ކަމަށެވެ.

މައުރޫފް ވިދާޅުވީ އެކަމުގެ ނަތީޖާއަކަށްވީ ރައްޔިތުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށް ރައްކާތެރިނޫން އެހެން ބާވަތްތަކުގެ ބާވަތްތައް ބޭނުން ކުރުން މަޖުބޫރުވުމެވެ. އޭނާ އިތުރަށް ވިދާޅުވީ، އެއްވެސް ދިރާސާއެއް މަޝްވަރާއެއް ނެތި ގެންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދު އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށެވެ.

"މިއަދުވެސް މިކަން މި ކުރަނީ ކޮންމެހެން ސިނގިރޭޓު އަގުހެޔޮ ކުރާކަށް، ޑަބްލިއުއެޗްއޯގެ ލަފަޔަކަށް، ނުވަތަ ދިވެހި ރައްޔިތަކަށް ހެޔޮ އެދިގެނެއްނޫން، އަނެއްކާވެސް ދައުލަތަށް އިތުރު އާމްދަނީއެއް ހޯދުމުގެ މަގުސަދުގައި، އެއީ ވަރިހަމަ ސިނގިރޭޓެއް ވިއްކައިގެން ވިޔަސް، ދެންހުރި އެއްޗެއް ވިއްކައިގެންވެސް، ހަމައެއް ލަމައެއް ނުބަލައި އާމްދަނީ ހޯދަން އިތުރުކުރަން މަސައްކަތް މި ކުރަނީ،" މަޢުރޫފް ވިދާޅުވިއެވެ.

ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާ އަށް ބަދަލުކޮށް، އޭގެ އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތަ އަށް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. މި އިސްލާހުގައިވާ އަނެއް ބަދަލަކީ ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށްޓަކައި އާންމުން ބޭނުންކުރާ ސިއްހީ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތި ބާޒާރުން ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355