ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފިއެވެ.
އެ އިދާރާއިން ބުނީ މި ބިލާމެދު ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މި މަހު 24 ފެށިގެން 8 ޖުލައި ވާ ބުދަ ދުވަހުގެ 14:00އާ ހަމައަށެވެ. އީމެއިލް މެދުވެރިކޮށް ނުވަތަ އެ އިދާރާއަށް ލިޔުމުން ހިޔާލު ފޮނުވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާ މެންބަރު އަލީ އިބްރާހިމް ހުށަހެޅުއްވި ބިލެކެވެ.
މި ބިލަކީ ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ރާއްޖޭގައި ޒާތީ މައުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ގާއިމްކޮށް ޒާތީ މައުލޫމާތު އެއްކުރުމާއި ޕްރޮސެސް ކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ގާއިމްކޮށް ޒާތީ މައުލޫމާތު ނިސްބަތްޗާ މީހުންގެ ހައްގުތަކާއި، މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި އެ ފަރާތްތައް ރެގިއުލޭޓްކުރުމާ ބެހޭ އުސޫލުތައް ބަޔާން ކޮށްފައިވާ ބިލެކެވެ.
މި ބިލުގައިވާ ގޮތުން މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ކޮމިޝަނަރު ގާއިމްކޮށް ޑޭޓާ ސަބްޖެކްޓުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ފަސޭހަކަމާ އެކު ހުށަހެޅުމަށް ބޭނުންވާ އިންތިޒާމް ހަމަޖައްސަންޖެހެއެވެ. އަދި މި ބިލުގައިވާ ގޮތުން ޕްރައިވަސީ ކޮމިޝަނަރު ބަލާ މައްސަލަތަކާ ގުޅޭ ގޮތުން އެކި ފަރާތްތައް ހާޒިރުކޮށް އެ ފަރާތްތަކުގެ ކިބައިން މައުލޫމާތާއި ބަޔާން ހޯދައި މައްސަލައާ ގުޅިގެން ހެކީންގެ ހެކިބަސް ހޯދޭނެއެވެ. އަދި މައްސަލައިގައި ބޭނުންވާ ލިޔެކިޔުން ހިއްސާކުރުމަށް ކަމާ ބެހޭ އިދާރާތަކަށް އަންގައި ކަމާބެހޭ އިދާރާތަކުގެ އިންސްޕެކްޝަންތައް ވެސް ޕްރައިވަސީ ކޮމިޝަނަރަށް ހިންގޭނެއެވެ.
މީގެ އިތުރުން ޕްރައިވަސީ ކޮމިޝަނަރު ބަލާ މައްސަލަތައް ބެލުމުގައި ފުރިހަމަކުރާން ޖެހޭ އިޖުރާއަތުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.




