ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ބޭރުގެ ދަރަނިތައް އަދާކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
"ޕްރެސަރ ވިތު ދަ ސްޕޮކްސް"ގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ ބޭރުގެ ދަރަންޏެއް ނުދެއްކި، ދަރަނި ޑީފޯލްޓްވެއްޖެ ނަމަ އެކަމުގެ ނޭދެވޭ އަސަރު މުޅި ގައުމަށް ކުރާނެކަމަށެވެ.
އިޤްތިސާދީ ގޮތުން ބަލާނަމަ ރާއްޖެ އޮތީ ނާޒުކު ހާލަތެއްގައި ކަމަށް ސިފަކުރައްވާ ތަރުޖަމާން ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ދަރަނި މިވަގުތު އޮތީ ސަރުކާރުން އެންމެ ހިތްހަމަޖެހޭ މިންވަރުގައި ނޫންކަމަށާއި ރާއްޖެ އަށް ބޭނުންވާ ތެޔޮ އެތެރެކުރުމާއި، މުވައްޒަފުންނަށް މުސާރަ ދިނުމާއި، ބޭސްފަރުވާ ފަދަ އަސާސީ ކަންކަން ފުރިހަމަ ނުކޮށް އިގުތިސޯދު ރަނގަޅުކުރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށެވެ.
"އަޅުގަނޑުމެންގެ ޑޮމެސްޓިކް ޑެޓް އަޅުގަނޑުމެން ހިތްހަމަ ޖެހޭ ވަރަށްވުރެ މާ ހައި. ރޭޖުއަލީ އިން ސްޓޭޖަސް އެ މެނޭޖްކުރެވޭނެ. އެކްސްޓާނަލް ޑެޓް ކުރިން އޮތް ހިސާބުން ޑޮމެސްޓިކް ޑެޓަށް ޗޭންޖެސް ގެނެސްގެން ކުރިޔަށް ގެންދަން އުދަގޫވީސް." މުންދު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖޭގެ ހަރަދުކުޑަކުރުމަށް އިރުޝާދު ދީފައިވީ ނަމަވެސް، ހަރަދުކުޑަކުރުމަށް ރައްޔިތުންނާއި ގުޅުންހުރި ކަންކަން ހުއްޓާލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް މުންދު ވިދާޅުވި އެވެ.
ރާއްޖޭގެ ދަރަނީގެ ހާލަތު މެނޭޖްކުރުމުގައި ފާއިތުވި ދެ އަހަރު ތެރޭގައި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވަމުން މިއަހަރުގެ ސެޕްޓެންބަރު މަހު ދައްކަންޖެހޭ ދަރަނީގެ ޕޭމަންޓްވެސް ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.




