ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ދައުލަތުގެ އިދާރާތަކުން ސީދާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅޭ ގޮތް ހަދައިފި އެވެ.
އޭސީސީގެ ތަހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވާއިދުގައި މިހާރު އޮންނަ ގޮތުން އޭސީސީ އަށް މައްސަލައެއް ހުށަހެޅޭނީ ތިން ފަރާތަކަށެވެ. އެއީ؛
1. ކޮރަޕްޝަންގެ ކުށެއްގެ މައުލޫމާތު ލިބޭ ކޮންމެ ފަރާތެއް
2. ގާނޫނު ތަންފީޒު ކުރުމުގެ ބާރު ލިބިދޭ އިދާރާތައް
3. ތަހުގީގުކުރަން އަންގާ އެންގުމެއްގެ ދަށުން ޕްރޮސެކިއުޓަ ޖެނެރަލް
ސަރުކާރު ގެޒެޓުގައި މިއަދު ޝާއިއު ކޮށްފައިވާ އޭސީސީގެ ތަހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް ގެނައި އެއް ވަނަ އިސްލާހުގައި ވަނީ ދައުލަތުގެ އިދާރާތަކަށް ވެސް އޭސީސީ އަށް މައްސަލަ ހުށަހެޅޭ ގޮތް ހަދައިފަ އެވެ.
މީގެ އިތުރުން އޭސީސީ ވަކި މައްސަލައެއް ތަހުގީގު ކުރުމަށް ޕީޖީ އޮފީހުން އޭސީސީ އަށް އަމުރު ކޮށްފި ނަމަ ހާއްސަ އިސްކަމެއް ދީގެން އަވަހަށް ތަހުގީގު ނިންމަން ޖެހޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ. އަދި މައްސަލައެއް ހުށަހަޅާތާ ހަތް ދުަވސް ތެރޭގައި އެ ކޮމިޝަނުން ޕީޖީ އަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ވެސް އަލަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.
މި ގަވާއިދުތައް އަމަލު ކުރަން ޖެހޭނީ އަންނަ އޮގަސްޓު މަހުން ފެށިގެނެވެ.




