twitterviber whatsapp telegramfacebookyoutube instagram
28th June 2026

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

Jun 28, 2026

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑީވްސް)ގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ހުޅުމާލެ ސިންތެޓީކްސް ޓްރެކުގައި ކުރިއަށްދިޔަ މިމުބާރާތުގައި 29 އަންހެން ކުދިންނާއި 61 ފިރިހެން ކުދިން، ޖުމްލަ 90 ކުދިން ބައިވެރިވެފައިވެއެވެ.

ދެ އުމުރުފުރާ އަކަށް ބަހާލައިގެން، 12( އަހަރުން ދަށާއި 12 އަހަރުން މަތި،) ކުރިއަށް ގެންދިޔަ މި މުބާރާތުގައި 50މ ދުވުން، 80މ ދުވުން، 100މ ދުވުން، 200މ ދުވުން އަދި 400މ ދުވުމުގެ އިތުރުން ސޮފްޓްބޯލް ތުރޯ، ހާޑު ބޯލް ތުރޯ އަދި ސްޓޭންޑިން ޖަމްޕު ހިމެނެއެވެ.

މިއީ އެސް-އޯ މޯލްޑީވްސް އިން އެތުލެޓިކްސް މުބާރާތް ބާވާ ތިންވަނަ އަހަރެވެ. ރާއްޖޭގައި އެންމެ ފުޅާކޮށް އިންކްލޫސިވް ސްޕޯޓްސް ހިންގަމުން އަންނަ އެސް-އޯ މޯލްޑީވްސް ވަނީ މިއަހަރު މުބާރާތުގެ ފެންވަރު މަތިކޮށް މުބާރާތުގެ ނަންވެސް ވަނީ "ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓީޝަން" އަށް ބަދަކު ކޮށްފައެވެ.

"ފަސްޓް ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓީޝަން މިހެން ލިޔެފައި އޮންނާތީ ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔަ، ވަރަށް ކޯލް ވެސް އައި، ފާއިތުވި ދެ އަހަރަށް ބަލާ، މިއަހަރުގެ މުބާރާތުގެ ފެންވަރު ހައިކޮށް، ކުރިއަށް އޮތްތާނުގައި ނޭޝަނަލް ކޮންޕެޓިޝަން ގެންދާ ފެންވަރުގައި ދެން އެސް-އޯ މޯލްޑިވްސް އެތުލެޓިކްސް މުބާރާތްތައް ދާނީ އެހެން މިއަހަރުން ފެށިގެން އެ ލެވެލްގައި ގެންދާނެތީ ފަސްޓް ޖަހާފައި އެއޮތީ." އެސޯސިއޭޝަން ޗެއަރޕާރސަން އިބްރާހީމް ރަމީޒް ވިދާޅުވި އެވެ.

މި މުބާރާތް ފާހަގަކުރަނީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ކަމަށާއި އަންނަ އަހަރުގެ އަމާޒަކީ އަތޮޅުތެރެއިން ވެސް ގިނަ ކުދިންތަކެއް މުބާރާތުގައި ބައިވެރިކުރުވުން ކަމަށެވެ. އަދި މިއަހަރު ވެސް ބައެއް ރަށްރަށުން ރިކުއެސްޓް އައި ނަމަވެސް މާލެއަށް އައުމާ ހުރުން އަދި ކެއުމާ އެހެނިހެން ހަރަދުގެ ބޮޑުކަމުން އެކުދިންނަށް ބައިވެރިނުވެވުނީ ކަމަށް އިބުރާހިމް ރަމީޒް ވިދާޅުވި އެވެ.

ނިމުން ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ބޭއްވީ މެޑަލް ދިނުމުގެ ހަފްލާ ޝަރަފް ވެރި ކޮށްދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ ސްޓޭޓް މިނިސްޓަރު ފާތިމަތު މުހައްމަދު އެވެ. މީގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝްންގެ ރައީސް މުސްޠަފާ މުހައްމަދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އިންކްލޫސިވް ޑިޕާޓްމަންޓްގެ ޑިރެކްޓަރު އަދީލާ ރުސްދީ ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއަކީ ރާއްޖޭގައި އެންމެ ފުޅާކޮށް އިންކްލޫސިވް ސްޕޯޓްސް ހިންގަމުން އަންނަ އެސޯސިއޭޝަނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355