twitterviber whatsapp telegramfacebookyoutube instagram
29th June 2026

ގައުމީ ހިދުމަތެއްގެ ގޮތުގައި ދިފާއި ހިދުމަތްތައް ވަރުގަދަކުރާނަން: ރައީސް

ނަބީލާ އިސްމާޢީލް
Jun 29, 2026

ދިފާއީ ހިދުމަތްތައް ހަރުދަނާކޮށް ވަރުގަދަކުރުމަކީ ގައުމީ ހިދުމަތެއްގެ ގޮތުގައި އިހުލާސްތެރިކަމާއެކު ސަރުކާރުން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި، ރޭ އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަދައްކަވަމުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކޮންމެ ދުވަހަކުމެ ގައުމުގެ ހަމަޖެހުން ދަމަހައްޓާ، ދިވެހި ގައުމުގެ ތަންފީޒީ ބާރުގެ ގޮތުގައި ފުލުހުން ދެއްވާ ހިދުމަތަކީ ވަރަށް ވަރުގަދަ ގައުމީ ހިދުމަތެއް ކަމަށާއި، ފުލުހުންނާއި ފުލުހުންގެ އާއިލާތަކުން ވެވަޑައިގަންނަވަނީ ވަރުގަދަ ގުރުބާނީއެއް ކަމަށެވެ.

ނުރަނގަޅު އެތައް އާދައަކުން މުޖުތަމައު ސަލާމަތްކޮށް، ހަމަޖެހުމާއި ރައްކާތެރިކަން ގާއިމުކުރުމުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސާސާގެ ހައިސިއްޔަތުން، ގިނަ މަސައްކަތްތަކެއް ދިވެހި ފުލުހުން ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިމަސައްކަތްތައް ކުރިއަށް ގެންދަވަނީ އެތައް ގޮންޖެހުމަކާއެކުގައި ކަމަށާ، ނަމަވެސް ހިތްހަމަޖެހިވަޑައިގެން ފުރިހަމަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެއްވާ، ރައްޔިތުންވެސް ބަލައިގަންނަ ފަދަ ހިދުމަތެއް ދިވެހި ފުލުހުންގެ ފަރާތުން ލިބެމުންދާނެކަން ކަށަވަރުކުރުމަށްޓަކައި ކުރައްވަންޖެހިވަޑައިގަންނަވާ ކޮންމެ ކަމެއްވެސް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ހިދުމަތް ދިނުމުގައި ހުރަސްތަކެއް އެބަހުރިކަމަށާ އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާލޭ ސަރަހައްދުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ދ.ވާނީގައި ހިންގާ ފުލުހުންގެ ތަމްރީނުދޭ މަރުކަޒަކީ އެންމެ ޒަމާނީ ފެންވަރުގައި ތަމްރީނުދެވޭ ތަނަކަށް ހައްދަވާނެކަމުގައިވެސް ރައީސް ވިދާޅުވެފައެވެ. ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ފުލުހުންގެ ހިދުމަތްތައް ދެވޭނެ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށް މިހާރު ކުރިއަށްދާ މަޝްރޫއުތައް، އަންނަ އަހަރުތެރޭގައި ނިންމާލުމަކީ އަމާޒެއްކަމުގައިވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ފުލުހުން ކުރައްވާ ގުނާ އަދަދުނުކުރެވޭހާ ގިނަ މަސައްކަތްތަކަކީ، މާނަހުރި، ދާއިމީ ބަދަލެއް މުޖުތަމައަށް އަންނާނެ ކަންތައްތަކެއް ކަމަށާއި، އެއީ އިހުލާސްތެރިކަމާއި، ހެޔޮނިޔަތާ، ގައުމީ ލޯތްބާއެކު ކުރައްވާ ކަމަކަށް އެކަންކަން ވާތީކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގައި އިތުރު ފަހި ފުރުސަތުތައް ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތުކަމުގައި ވިދާޅުވެ، އަމަލީ ގޮތެއްގައި ރަނގަޅު ނަތީޖާތަކެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަންދެއްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355