twitterviber whatsapp telegramfacebookyoutube instagram
2nd July 2026

ކީސްޓޭޖު އެކެއްގެ ދަރިވަރުންނަށް ބައިނަލްއަގުވާމީ އިމްތިހާނެއް ބާއްވަނީ

ނަބީލާ އިސްމާޢީލް
Jul 2, 2026

މި އަަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ ސްކޫލްތަކުގެ ކީސްޓޭޖް އެކެއްގެ ދަރިވަރުންނާއި އެ އުމުރުފުރާގެ ބައިނަލްއަގްވާމީ ކުދިންގެ ނަތީޖާ އަޅާ ކިޔުމަށް ހާއްސަ އިމްތިހާނެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ކީ-ސްޓޭޖު-3 ގައި 2025 ވަނަ އަހަރު ކިޔެވި ދަރިވަރުންގެ އުނގެނުމުގެ ނަތީޖާތައް ވަޒަންކޮށް ތައްޔާރުކުރި ރިޕޯޓު ޝާއިއުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމީ ކަންކަމުގައި ސަރުކާރުން އެންމެ އިސްކަންދޭ ސިޔާސަތަކީ ހެކިތަކުގެ މައްޗަށް ބިނާކޮށް ތައުލީމީ ނިޒާމު ބައްޓަންކުރުން ކަމަށެވެ. އަދި ކުރިންވެސް ކީ ސްޓޭޖް-1 އަދި ކީ ސްޓޭޖް-2 ދަރިވަރުންގެ ތައުލީމީ ފެންވަރު ވަޒަންކުރި ނަމަވެސް އެ ނަތީޖާތަކަށް ތައުލީމީ ސިޔާސަތު ބައްޓަންކުރުމުގެ މަރުހަލާގައި އެކަށީގެންވާ ގޮތަކަށް ރިއާޔަތްކުރެވިފައި ނެތް ކަމަށެވެ.

ފާއިތުވި އަހަރު އެ މަރުހަލާތަކުގައި ކިޔަވާ ދަރިވަރުންގެ އުނގެނުމާ ގުޅޭ ކަންކަން ވަޒަންކުރުމަށްފަހު ދެނެގަނެވިފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، މިހާރު ކުރެވެމުންދާ އެންމެ މުހިއްމު އެއް މަސައްކަތަކީ މަންހަޖަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމަށް ވެސް ޝާފިއު ވިދާޅުވި އެވެ.

އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާމަކުރެއްވި ގޮތަށް، ކީ-ސްޓޭޖު-އެކެއްގެ ދަރިވަރުންނަށް ކިޔަވައިދޭ އުސޫލުތައް ދަރިވަރުންނާއި މުދައްރިސުންނަށް އެންމެ ފައިދާވާނެ ގޮތަށް ބައްޓަންކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ބަދަލުތައް ގެނައުމުގައި ކޮލިޓީ އެޝުއަރެންސް ޑިޕާޓުމެންޓުން ކުދިންގެ އުނގެނުމުގެ ނަތީޖާތައް ވަޒަންކުރުމަށް ހަދާފައިވާ އެސެސްމެންޓުތަކަށް ރިއާޔަތްކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

ކީ-ސްޓޭޖު އެކެއްގެ ނަތީޖާތަކަށް ބަލާއިރު ހިސާބު މާއްދާގެ ނަތީޖާ ދަށްކަން ފާހަގަކުރެއްވޭތީ މިހާރު މަންހަޖަށް ގެންނަ ބަދަލުތަކުގެ ސަބަބުން ހިސާބު މާއްދާ ކިޔަވައިދޭން ހޭދަކުރާ ވަގުތު އިތުރުވާނެކަމަށާއި، ހިސާބު މާއްދާގެ ނަތީޖާ ރަނގަޅުކުރުމަށް އެ މާއްދާ ކިޔަވައިދޭ މުދައްރިސުންނަށް އިތުރު ތަމްރީނުތައް ދިނުމަށްވެސް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރު ނޮވެންބަރު މަހުގައި ކީ-ސްޓޭޖު އެކެއްގެ ދަރިވަރުންނަށް މުޅިން އަލަށް ބައިނަލްއަގުވާމީ އިމްތިހާނެއް ބާއްވައި، ދުނިޔޭގެ އެހެން ގައުމުތަކުގެ އެ އުމުރުފުރާގެ ދަރިވަރުންނާއި ދިވެހި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު އަޅައިކިޔައި ވަޒަންކޮށް ރަނގަޅުކުރަންވީ ކަންކަން ދެނެގަތުމަށް މަގުފަހިވާނެ ކަމަށްވެސް ޑރ.ޝަފީޢު ވިދާޅުވިއެވެ.

ކުދިންގެ އުނގެނުމުގެ ފެންވަރު ވަޒަންކުރުމުގެ އިތުރަށް ކުދިން މަދުރަސާއަށް ދާ މިންވަރު ކައިރިން ބަލައި ވަޒަންކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355