twitterviber whatsapp telegramfacebookyoutube instagram
6th July 2026

ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި ޑިޖިޓަލް އައިޑެންޓިޓީ ބިލު މަޖިލިހަށް ބަލައިގެންފި

ނަބީލާ އިސްމާޢީލް
Jul 6, 2026

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ" ބިލާއި "ޑިޖިޓަލް އައިޑެންޓިޓީ" ބިލު ރައްޔިތުންގެ މަޖިލިހުން ބަލައިގަނެ، ބިލް ދިރާސާ ކުރުމަށް ކަމާގުޅުން ހުރި ކޮމިޓީއަށް ފޮނުވައިފިއެވެ.

"މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ" ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީއެވެ.

ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން މަޖިލީހަށް ބަލައިގަތް މި ދެ ބިލަކީ، ރާއްޖޭގެ އިދާރީ ހިންގުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަރުދަނާކުރުމަށްޓަކައި މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުށަހެޅި ދެ ބިލެކެވެ.

"މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލު" ޤާނޫނަކަށް ވުމާއެކު، ޑިޖިޓަލް ގަވަނަންސްގެ ކަންކަން ވިލަރެސްކޮށް ހިންގުމަށްޓަކައި "މޯލްޑިވްސް ޑިޖިޓަލް ސާވިސް" ގެ ނަމުގައި ސަރުކާރުގެ ހާއްސަ އިދާރާއެއް އުފެދިގެންދާނެއެވެ. ދައުލަތުގެ އައިސީޓީއާ ގުޅުންހުރި ހުރިހާ ހިދުމަތްތަކާއި ކޮމްޕިއުޓަރ ނެޓްވޯކްތައް ބެލެހެއްޓުން މި އިދާރާއާ ހަވާލުކުރެވޭއިރު، "މޯލްޑިވްސް 2.0″ ޕްރޮގްރާމްގެ ދަށުން ދައުލަތުގެ ހުރިހާ ހިދުމަތްތަކެއް 'ޑިޖިޓަލް ފަސްޓް' ސިޔާސަތެއްގެ ދަށަށް ބަދަލުވެ، ރައްކާތެރިކަމާއެކު ޑޭޓާ ހިއްސާކުރެވޭނެ ވަށައިޖެހޭ ނިޒާމެއް ޤާއިމުވެގެންދާނެއެވެ.

ޑިޖިޓަލް އައިޑެންޓިޓީ ބިލު ފަރުމާކޮށްފައިވަނީ އޮންލައިންކޮށް ކުރާ މުއާމަލާތްތަކުގައި އައިޑެންޓިޓީ ކަށަވަރުކުރުމާއި، ޒާތީ މައުލޫމާތުތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އުސޫލުތައް ކަނޑައެޅުމަށެވެ. މި ބިލުގެ ދަށުން ނިޒާމު ތަރައްގީކޮށް ހިންގުމަށް "ޑިޖިޓަލް އައިޑެންޓިޓީ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ" އެއް އުފެއްދުމަށް ލާޒިމުކުރާއިރު، އައިޑެންޓިޓީ ބޭނުންކުރުން މަނާ ހާލަތްތަކާއި ފުރިހަމަކުރަންޖެހޭ ކަންކަންވެސް ބިލުގައި ތަފްސީލުކޮށްދީފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355