ސިއްހީ ހިދުމަތަކީ ހަމައެކަނި އާއްމު ހިދުމަތެއްނޫންކަމަށާއި މިއީ މުޖުތަމައުގެ ހަމަހަމަކަން ގާއިމުކުރުމުގެ އެންމެ މުހިންމު ހިދުމަތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސާޖިދާ މިފަދައިން ވިދާޅުވީ، 3 ވަނަ އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއާ ޕްރޮފެޝަނަލްސް 2026 ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ. މި ކޮންފަރެންސްގައި ރާއްޖެއާއި އިތުރު 9 ޤައުމަކުން ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައި ފެށި މި ކޮންފަރަންސްގައި ސާޖިދާ ވިދާޅުވީ، ސިއްހީ ހިދުމަތުގެ އަސާސަކީ އިންސާނުން ކަމަށާއި، ކޮންމެ ސައިންޓިފިކް ކުރިއެރުމެއްގެ ފަހަތުގައިވެސް ވަނީ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސްފައިވާ ބަލިމީހެއް ކަމަށެވެ. އަދި ދުޅަހެޔޮ ރައްޔިތަކާ ނުލައި ގައުމުތަކަށް އެ ގައުމުތަކުގެ ފުރިހަމަ ގާބިލުކަން ހާސިލުނުކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ބޭސްފަރުވާގެ ނިޒާމަށް އަންނަމުންދާ ޒަމާނީ ބަދަލުތަކާ އެއްވަރަށް ދިވެހިރާއްޖެއިން ވެސް ފިޔަވަޅުތަކެއް އަޅަމުންދާކަން ރައީސްގެ އަނބިކަނބަލުންގެ ވާހަކަގައި ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ސިއްހީ ހިދުމަތަކީ މުއްސަނދިކަމުގެ ރަމްޒެއް ނޫންކަމަށާއި، އެއީ ކޮންމެ ރައްޔިތަކަށްމެ ފަސޭހައިން ލިބެންޖެހޭ އަސާސީ ޙައްޤެއްކަމަށް ވިދާޅުވިއެވެ. މިގޮތުން އިންސާނީ ވަސީލަތްތައް ބިނާކުރުމާއި، އުމްރާނީ ތަރައްގީއާއެކު ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވި އެވެ.
ބަލިމީހުންނަށް ފަރުވާދިނުމުގެ މަރުޙަލާގައި ސިއްހީ އެހީތެރިން، ހާއްސަކޮށް ނަރުހުން އަދާކުރާ ބުރަ އަދި މުހިންމު ދައުރަށް ސާޖިދާ ތަޢުރީފުކުރެއްވިއެވެ. ނަރުހުންނަކީ ބަލިމީހާއާއި އާއިލާއާ އެންމެ ގާތުން މަސައްކަތްކުރާ ފަރާތްކަން ފާހަގަކުރައްވައި، އެ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކުރެއްވިއެވެ.
ނިންމަވާލައްވަމުން އެކަމަނާ ވަނީ، މި ކޮންފަރެންސްގެ ތެރެއިން ކުރެވޭ އިލްމީ ދިރާސާތަކާއި މަޝްވަރާތަކުގެ އަލީގައި، ދިވެހިރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކޮށްދެއްވުމަށް ހުރިހާ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.




