މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ހދ. ޖުޑީޝަލް ދާއިރާއިން 451 މައްސަލަ ބަލައި ނިންމައިފި އެވެ.
ހދ. ޖުޑީޝަލް ދާއިރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ހަ މަސް ތެރޭގައި ދާއިރާގެ ކޯޓުތަކަށް 435 މައްސަލައެއް ހުށަހަޅާފައިވެ އެވެ.
ހދ. ޖުޑީޝަލް ދާއިރާގައި ހިމެނެނީ 13 ރަށެއްގެ ކޯޓުތަކެވެ. އެ ގޮތުން އެ ކޯޓުތަކުން ހަ މަސް ތެރޭގައި 435 މައްސަލަ ހުށަހަޅާފައިވާއިރު 451 މައްސަލަ ނިންމައި މިހާރު ހިނގަމުންދަނީ 253 މައްސަލަ އެވެ.
މިދާއިރާގައި ހިމެނޭ ކޯޓުތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށެވެ. އެ ކޯޓަށް 242 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި 241 މައްސަލައެއް ނިންމާފައިވެ އެވެ. އަދި މިހާރު ހިނގަމުންދާ 143 މައްސަލަ އެބަ އޮތެވެ.
އެ ދާއިރާއިން އެންމެ މަދުން މައްސަލަ ހުށަހަޅާފައިވަނީ ކުރިނބި، ހިރިމަރަދޫ އަދި ނަވައިދޫ ކޯޓަށެވެ.




