ފަލަސްތީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށާއި ގުދުސްގެ މުގައްދަސް ބިންތައް ހިމާޔަތްކުރުމަށް 2026 ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލެމްގައި ދިވެހިރާއްޖެއިން ގޮވާލައްވައިފި އެވެ.
އެ ކޮންފަރެންސްގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައޫދި އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ސަރީރު ބައިވެރިވެވަޑައިގެން ތަގްރީރުކުރެއްވިއެވެ.
މި ކޮންފަރެންސްގައި ރާއްޖެއިން ވަނީ އިސްރާއިލްގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ހާލަތައް އަލިއަޅުވާލައި، ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކާ ހިލާފަށް ފަލަސްތީނުގެ ބިންތައް ހިފުމަށް އިސްރާއީލުން ކުރަމުންދާ ހުރިހާ މަސައްކަތެއް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި، ޔުނައިޓަޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް (އަންރުވާ) އިން ކުރަމުންދާ މުހިންމު މަސައްކަތް ފާހަގަކޮށް، އަންރުވާގެ މަސައްކަތްތަކައް ބާރުދިނުމުގެ ގޮތުން އެ އެޖެންސީ އަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ގޮވާލިއެވެ.
ގުދުސްގެ މުގައްދަސް ބިންތަކުގެ ގާނޫނީ ހައިސިއްޔަތާއި ތާރީހީ އަދި ދީނީ މުހިންމުކަން ހިމާޔަތްކުރެވޭނީ އިސްރާއިލްގެ އިސްތިއުމާރު ނިމުމަކަށް ގެނެސް، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމުގެ ހައްގު ބަލައިގަނެގެން ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
1975 ވަނަ އަހަރު އ.ދ. ގެ އާއްމު މަޖިލީހުގެ ގަރާރު ނަންބަރު 3376 އިން އުފެއްދި ސީއައިއާރްޕީޕީއަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތްކުރަމުންދާ ކޮމިޓީއެކެވެ. އޯއައިސީއާ ގުޅިގެން ސީއައިއާރްޕީޕީން މިދިޔަ ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް 2025 ވަނަ އަހަރުގެ ޖުލައި މަހު ސެނެގާލްގައި ބާއްވާފައެވެ.
ފަލަސްޔީނުގެ ހައްގުގައި އަޑުހަރުކޮށް ވަކާލާތުކުރާ ގައުމެއް އަދި އޯއައިސީގެ މެމްބަރެއްގެ ހައިސިއްޔަތުންރާއްޖެ އިން ދަނީ މި ކޮންފަރެންސްތަކުގައި ބައިވެރިވަމުންނެވެ.




