twitterviber whatsapp telegramfacebookyoutube instagram
23rd July 2026

ރުއްތަކުން ހުދުކޫޑި ކޮންޓަރޯލްކުރުމަށް ބޭސް ލާން ފަށައިފި

Jul 22, 2026

ރާއްޖޭގެ ރުއްތަކަށް ދިމާވެފައިވާ ހުދު ކޫޑި ކޮންޓްރޯލް ކުރުމަށް ބޭހެއް ތައްޔާރުކޮށް، އެ ބޭސް ރުއްތަކަށް ލުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އިން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގެ އަތޮޅުތަކުގައި ހުރި ރުއްތަކުގައި ހުދުކޫޑި އެޅުމުގެ ސަބަބުން ރުއްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބެމުންދާކަމަށެވެ. އަދި އެކަމާއި ގުޅިގެން އެކަން ހައްލުކޮށްދިނުމަށްޓަކައި ޗައިނާ ސަރުކާރުގެ އެހީގައި ހިންގާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރުމަށް ގެނެސްފައިވާ ޔޭޖިއާޗިން (އެސެޓަމިޕްރިޑް + މޮނޯސަލްޓެޕް) ޕެސްޓިސައިޑު ޕަކެޓް ބޭނުންކޮށްގެން ހުދުކޫޑި ކޮންޓްރޯލުކުރުމުގެ ތަޖުރިބާތަކެއް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކޮށްފައިވާކަމަށެވެ.

މިތަޖުރިބާތަކުގެ އީޖާބީ ނަތީޖާގެ އަލީގައި ހުދުކޫޑި ކޮންޓްރޯލުކުރުމަށްޓަކައި ހުރިހާ ކައުންސިލްތަކަށް ޕެސްޓިސައިޑު ހަވާލުކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. ރަށުގައި ހުރި ރުއްތަކުގެ އަދަދަށް ބިނާކޮށް ކޮންމެ ކައުންސިލަކަށްވެސް ޕެސްޓިސައިޑު ޕަކެޓް ހަވާލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިޕްރޮގުރާމްގެ ދަށުން ޕެސްޓިސައިޑު ފުރަތަމަ ހަވާލުކުރެވުނީ ހއ. ބާރަށު ކައުންސިލާއެވެ. އެރަށުގައި ވަނީ ރުއްތަކަށް ޕެސްޓިސައިޑުލުމުގެ ޕްރޮގުރާމް ހިންގައިފައެވެ.

މިޕްރޮގްރާމްގެ ދަށުން ހއ. ހދ. ށ. އަތޮޅުތަކުގައި ހިމެނޭ ރަށްތަކުގެ ކައުންސިލްތަކަށް ޕެސްޓިސައިޑު ހަވާލުކުރުމުގެ ސިޓީތައް ވަނީ ފޮނުވައިފައެވެ. މިއަތޮޅުތަކުން ޕެސްޓިސައިޑާ ޙަވާލުވާނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުންކަމަށާއި، މިނޫން އަތޮޅުތަކުން ޕެސްޓިސައިޑާ ޙަވާލުވާނީ މާލެއިންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން، ހުދުކޫޑީގެ މައްސަލަ ދިމާވެގެން އެކަން ހައްލުކޮށްދިނުމަށް އެދި ލ.ކަލައިދޫ، ގދ. ފިޔޯރީ، އައްޑޫސިޓީގެ މީދޫން މިނިސްޓްރީގައި އެދިފައިވާތީ، އެރަށްރަށަށްވެސް ޕެސްޓިސައިޑު ޙަވާލުކުރުމުގެ ސިޓީތައް ވެސް ވަނީ ފޮނުވިފައެވެ. އިތުރު އަތޮޅުތަކަށް ޕެސްޓިސައިޑު ޙަވާލުކުރުމަށް ސިޓީތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355