ބަރުދަން ލުއިކުރުމަށާއި އެކި ބަލިބަލީގެ ފަރުވާއެއް ކަމަށް ބުނެ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ކާބޯތަކެތި އިޝްތިހާރުކޮށް ބޭނުންކުރަމުންދާތީ އެ ކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބަލިބައްޔަށް ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ދޭހަވާ ގޮތަށް ރާއްޖޭގައި ކާބޯތަކެތި މާކެޓުކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް، މީސްމީޑިއާގެ އެކި މަންސަތަކުގައި މިފަދަ އުފެއްދުންތަކަށް ހިތްވަރުދީ، ސައިންޓިފިކް އެއްވެސް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް ސާބިތުނުހިފޭ މައުލޫމާތު ފަތުރަމުންދާ ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.
— MFDA (@MFDA_mv) July 23, 2026
އެ އޮތޯރިޓީން ބުނީ، މިފަދަ ތަކެތި ބޭނުންކުރުމަކީ އާންމުންނަށް މައުލޫމާތު އޮޅި، ސިއްހީ ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެކެވެ. މީގެ ތެރެއިންވެސް ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންނާއި، މާބަނޑު މީހުން އަދި ގާތުން ކިރުދޭ މައިންނަށް މިފަދަ ތަކެތީގެ ސަބަބުން ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑުކަމަށް އެމްއެފްޑީއޭއިން އިންޒާރު ދެއެވެ.
ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދަށް އަލިއަޅުވާލަމުން އެމްއެފްޑީއޭއިން ބުނީ، ކާބޯތަކެތީގެ އުފެއްދުމެއް ކުރިއެރުވުމަށް އެކި މަންސަތަކުގައި މައުލޫމާތު ޝާއިއުކުރުމަކީ އިޝްތިހާރުކުރުން ކަމުގައި ބެލެވޭނެ ކަމަށެވެ. އަދި ސިއްހަތަށް ވަކި ފައިދާއެއް ކުރާނެ ކަމަށް ނުވަތަ ބަލިތަކުން ދުރުކޮށްދޭނެ ކަމަށް ބުނެ ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމަކީ އެ ގަވާއިދުގެ ދަށުން މަނާކަމެއް ކަމަށްވެސް އެ އޮތޯރިޓީން ހަނދާންކޮށްދިނެވެ.
އެހެންކަމުން، ކާބޯތަކެތި އިޝްތިހާރުކުރާ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ. އަދި ބަރުދަން ލުއިކުރުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި، ސާބިތުނުހިފޭ ބޭސްތަކުގެ ބަދަލުގައި، މިންހެޔޮކޮށް ކެއުމާއި، ލޮނާއި ހަކުރު މަދުކުރުމުގެ އިތުރުން އާދަވެގެން ކަސްރަތު ކުރުމަށް އެމްއެފްޑީއޭއިން ވަނީ އިރުޝާދުދީފައެވެ.




