ފުޓްބޯޅައިގެ ތާރީޚުގައި އުފެދުނު އެންމެ ކާމިޔާބު އެއް ކޯޗު ޕެޕް ގާޑިއޯލާ އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވުމުގެ މަޝްވަރާތައް ފަށާފައިވާކަން އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަން (FIGC) އިން ކަށަވަރުކޮށްދީފި އެވެ.
ވޯލްޑް ކަޕަށް ކޮލިފައިނުވެ، ޖެނާރޯ ގަޓޫސޯ މަގާމުން ވަކިވުމާ ގުޅިގެން ހުސްވެފައިވާ އިޓަލީގެ ކޯޗުކަމަށް ގާޑިއޯލާ ގެނައުމަށްޓަކައި، އިޓަލީގެ ފުޓްބޯޅަ އިދާރާގެ ރައީސް ޖިއޮވާނީ މަލާގޯ ވަނީ އިޓަލީގެ މާލީ އުސޫލުތަކަށް "ހާއްސަ އިސްތިސްނާތަކެއް ދީގެންވެސް އޭނާ ހޯދުމަށް ނިންމާފަ އެވެ.
ޕެޕް ގުއާޑިއޯލާ އިޓަލީއަށް؟ - މުހިންމު ނުކާތައް
* މަގާމު: އިޓަލީ ގައުމީ ޓީމުގެ ހެޑް ކޯޗު
* ޓާގެޓް: 2030 ގެ ވޯލްޑް ކަޕް
* މަޝްވަރާކުރި ފަރާތްތައް: ޕާއޮލޯ މާލްޑީނީ އަދި ލިއޮނާޑޯ (ބާސެލޯނާގައި)
* ހުށަހެޅުން: 4 އަހަރުގެ ދިގު މުއްދަތުގެ ކޮންޓްރެކްޓެއް
އިޓަލީގެ ޓެކްނިކަލް ޑައިރެކްޓަރު ޕާއޮލޯ މާލްޑީނީ އާއި ހާއްސަ މުޝީރު ލިއޮނާޑޯ ވަނީ މިދިޔަ ހަފުތާ ބަންދުގައި ބާސެލޯނާއަށް ދަތުރުކޮށް، ގާޑިއޯލާއާ ސީދާ ބައްދަލުކޮށްފަ އެވެ. އިޓަލީން ހުށަހަޅަނީ 2030 ގެ ވޯލްޑް ކަޕާ ހަމައަށް ދެމިގެންދާ 4 އަހަރުގެ ދިގު ކޮންޓްރެކްޓެކެވެ.
މި ބަދަލުވުމުގެ އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ ގާޑިއޯލާ އަމިއްލައަށް ފުޓްބޯޅައިން ކުޑަ ބްރޭކެއް ނަގަން ބޭނުންވުމެވެ. މެންޗެސްޓަރ ސިޓީގައި ހޭދަކުރި 10 އަހަރުގެ ކާމިޔާބު ދަތުރަށްފަހު އޭނާ ވަނީ "ނުހަނު ވަރުބަލިވެއްޖެ" ކަމަށް ބުނެ، މުބާރާތްތަކުގެ ޕްރެޝަރާ ދުރުވެ، އާއިލާއާއެކު ވަގުތު ހޭދަކުރުމަށްޓަކައި ކޯޗިންގ އިން ދުރުގައި ހުންނަން ބޭނުންވާކަން ހާމަކޮށްފަ އެވެ.
ނަމަވެސް އިޓަލީގެ ފުޓްބޯޅަ އިދާރާއިން އުއްމީދު ކުރަނީ ގައުމީ ޓީމެއްގެ ކޯޗުކަމަކީ ކްލަބު ފުޓްބޯޅައާ ހިލާފަށް މުޅި އަހަރު ދުވަހު ދަނޑުމަތީގައި އުޅެންނުޖެހޭ، މަދު މެޗުތަކެއް ކުޅޭ މަގާމަކަށްވުމުން، ގާޑިއޯލާއަށް އެއްކޮށް އަރާމުކުރަމުންވެސް މި މަސައްކަތް ކުރެވޭނެ ކަމަށެވެ.
ގާޑިއޯލާއަކީ އިޓަލީގެ ފުޓްބޯޅައަށް މުޅިން ބޭރު މީހެއް ނޫނެވެ. އޭނާގެ ކުޅުންތެރިޔާގެ ކެރިއަރުގައި 2001 އާއި 2003 އާ ދެމެދު އިޓަލީގެ ބްރެޝިއާ އާއި އޭއެސް ރޯމާއަށް ކުޅެފައިވުމުގެ ސަބަބުން، އިޓަލީގެ ކަލްޗާއާއި ފުޓްބޯޅައިގެ ވައްޓަފާޅި އޭނާއަށް ވަރަށް ރަނގަޅަށް އެނގެ އެވެ.
ޖެނާރޯ ގަޓޫސޯ ވަކިވުމަށްފަހު، 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިނުވެ ވިލާތުގެ އެންމެ ބޮޑު އެއް ފުޓްބޯޅަ ބާރު އަނދަވަޅަކަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި، ގުއާޑިއޯލާ ފަދަ ޓެކްޓިކަލް މާސްޓަރމައިންޑަކު ގެނައުމަކީ އިޓަލީގެ ފުޓްބޯޅަ މުޅިން އާ ދިރުމަކާއެކު ރީބޫޓްކޮށްލަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަމަށް އިޓަލީގެ މީޑިއާތަކުން ސިފަކުރެ އެވެ.
ނަމަވެސް، ގާޑިއޯލާއާއެކު އޭނާގެ އެއްބަސްވުމަކަށް އަދި ނާދެވޭތީ، އިޓަލީން ދަނީ އަންދްރެއާ ޕިރްލޯ އާއި ރޮބަރޓޯ މަންޗިނީ ފަދަ އިޓަލީގެ ކުރީގެ ތަޖުރިބާކާރު ކޯޗުންގެ ނަންތައްވެސް ބަލަމުންނެވެ. އަންނަ ސެޕްޓެމްބަރު މަހު ނޭޝަންސް ލީގުގައި ބެލްޖިއަމްއާ ދެކޮޅަށް އިޓަލީ ނުކުންނަންޖެހޭއިރު، ގާޑިއޯލާ އެއްބަސްނުވެއްޖެނަމަ ބެކްއަޕް އޮޕްޝަނެއްގެ ގޮތުގައި މި ދެ ކޯޗުން ކުރެ އެކަކު އައްޔަންކުރުމުގެ ފުރުސަތުވެސް ބޮޑެވެ. އެހެންނަމަވެސް، އިޓަލީގެ ފެޑަރޭޝަނުން އެންމެ އިސްކަމެއްދީގެން ކުރާ މަސައްކަތަކީ ގުއާޑިއޯލާގެ ނިންމުން ބަދަލުކޮށް، ގައުމީ ޓީމެއްގެ އިރުޝާދާ ހަވާލުވުމަށް އޭނާ އެއްބަސްކުރުވުމެވެ.
ގާޑިއޯލާގެ "ޓިކީ-ޓާކާ" އަދި "ޕޮޒިޝަނަލް ޕްލޭ" ސްޓައިލް އިޓަލީގެ ގައުމީ ޓީމަށް ގެނެވިއްޖެނަމަ، މިއީ އިޓަލީގެ ފުޓްބޯޅަ މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެ ތާރީހީ ބަދަލަކަށް ވެގެންދާނެ އެވެ.




