twitterviber whatsapp telegramfacebookyoutube instagram
24th July 2026

ކަނޑު މަގުން ރާއްޖެ އެތެރެކުރުން އުޅުނު 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ނަބީލާ އިސްމާޢީލް
Jul 24, 2026

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގަނެފައި ވަނީ އިއްޔެއެވެ. ކަނޑުމަގުން ރާއްޖެއަށް ގެނައި މުދަލެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ފެނުނު މި ތަކެތި ތަހުލީލު ކުރިއިރު، އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ސިންތެޓިކް ކެތިނޯން" އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ކަސްޓަމުން ބުނީ މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3،110 ގްރާމް (3.1 ކިލޯ) ހުއްޓެވެ. އެ ސާވިސްއިން އަންދާޒާކުރާ ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ދިވެހި ރުފިޔާއަށް ވުރެ ބޮޑުވާނެއެވެ.

މި މައްސަލައާ ގުޅިގެން އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކުރެވިފައެވެ.

ރާއްޖެއަށް އެތެރެކުރާ މުދާ އިތުރަށް ސްކްރީންކޮށް، ގަވާއިދާ ހިލާފު ތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން ދަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.

ސިންތެޓިކް ކެތިނޯންއަކީ ލެބޯޓްރީއެއްގައި ކެމިކަލް ބޭނުންކޮށްގެން ހަދާ ނުރައްކާތެރި މަސްތުވާ ބާވަތެކެވެ. މިއީ އާންމުކޮށް ބާތު ސޯލްޓްސްގެ ނަމުގައި މަޝްހޫރުވެފައިވާ، ސިކުނޑިއަށާއި ހަށިގަނޑަށް ބޮޑެތި ގެއްލުންތައް ލިބިދޭ އެއްޗެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355